11 Jan 2015, 02:49
ކ. ތުލުސްދޫގައި ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ތަނެއްގައި ރޯވި އަލިފާންގަނޑު ދެ ގަޑިއިރުގެ މަސައްކަތުން ނިއްވާލައިފި އެވެ.
މިރޭ 11:17 ހާއިރު ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ މެންދަމު 1:30 ގަ އެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައި ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަޔާމަނުންގެ މަސައްކަތުންނެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އަލިފާން ރޯވި ގުދަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.. އަދި އެ ގުދަނުގައި ބަހައްޓާފައި ވަނީ އެކިކަހަލަ ބައު މުދަލެވެ. އޭގެ ތެރޭގައި ބައު ދޮންނަ މެޝިނާއި އެހެނިހެން ޕްލާސްޓިކް ސާމާނުގެ އިތުރުން ލަކުނޑި ފަދަ ތަކެތި ހިމެނެ އެވެ.
މިރޭ ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެ ހާދިސާގައި ރޯވި އަލިފާން ނިއްވުމުގައި ރަށުގެ ރައްޔިތުންނާއި ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.