10 Jan 2015, 23:54
ސްރީލަންކާގެ އާ ސަރުކާރާއެކު ގުޅުން އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ އާ ރައީސް މައިތިރިޕާލާ ސިރިސޭނާ އެ ގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައިގެންނެވުމުން އެކަމާ މަރުހަބާ ދެންނެވުމުގެ ގޮތުން ޗައިނާގެ ރައީސް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ ދެ ސަރުކާރުގެ މެދުގައި އޮތް ގުޅުން ވަރުގަދަ ކުރައްވާއިރު ދެ ގައަގުމުގެ މެދުގައި އޮތް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް ޕްރޮމޯޓު ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މަހިންދަ ރާޖަޕަކްސާގެ ސަރުކާރާއި ޗައިނާ ދެގައުމު މެދުގައި އޮތް ގުޅުމަކީ ތެދުވެރި ގުޅުމެއް ކަމަށާއި ސްރީލަންކާއަކީ އިތުބާރުކުރެވޭ އެކުވެރިއެއް ކަމަށެވެ. އެހެން ކަމުން އެ ގުޅުން ކުރިއަށް އޮތްތަނުގައި އެ ގުޅުން އޮތުމަކީ މުހިއްމު ކަމެއް ކަމަށް ޝީ ޖިންޕިން ވިދާޅުވި އެވެ.
ރަޖަޕަކްސާގެ ސަރުކާރުގައި ސްރީލަންކާއަށް އިންވެސްޓުމެންޓުގެ ގޮތުގަ އާއި ލޯނުގެ ގޮތުގައި ޗައިނާއިން ހަތް ބިލިއަން އަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އެހީ ދީފައިވެ އެވެ.
ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމަށް ނިންމުމެއް ގެންނެވި ސިރިސޭނާއަކީ ރާޖަޕްސާގެ އަރިހުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ސަރުކާރުގެ ހެލްތު މިނިސްޓަރަކަށް ހުންނެވި ސިރިސޭނާ، ރާޖަޕަކްސާގެ ވެރިކަމާ ދެކޮޅަށް ނުކުމެވަޑައިގެންނެވީ އަވަސް އިންތިހާބު އިއުލާން ކުރެއްވުމާއެކުގަ އެވެ. އަވަސް އިންތިހާބެއް ބޭއްވުމާމެދު ހެލްތު މިނިސްޓަރުކަމުގައި ސިރިސޭނާ ހުންނެވިއިރު، އެމަނިކުފާނާ މަޝްވަރާ ކުރެއްވި އެވެ.
"...ރާޖަޕަކްސާ ވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގު ކޮށްޓަވައި ދެއްވާފައި. އަޅުގަނޑު ރައީސަކަށް ވާން ފުރުސަތު ލިބުނީ އެހެންވެ،" އިންތިހާބު ކާމިޔާބު ކުރެއްވުނުކަން ރަސްމީކޮށް އިއުލާން ކުރެއްވުމަށްފަހު ސިރިސޭނާ ވިދާޅުވެފައިވެ އެވެ.