10 Jan 2015, 23:23
ބުރާސްފަތި ދުވަހު ސްރީލަންކާއި ބޭއްވި ރިޔާސީ އިންތިހާބުން ރާޖަޕަކްސާ ބަލިވެވަޑައިގެން ހިސާބުން ސިފައިން ބޭނުން ކުރައްވައިގެން ވެރިކަން ދެމެހެއްޓެވުމަށް މަސައްކަތް ކުރި ކަމަށް އާ ސަރުކާރުން ބުނެފި އެވެ.
އިންތިހާބުގެ ފަހު ވޯޓްތައް ގުނައި ނިމުމުގެ ކުރިން ވެސް ރާޖަޕަކްސާ ވަނީ ބަލި ގަބޫލު ކުރައްވައި އޭނާގެ ކުރީގެ ހެލްތު މިނިސްޓަރު މައިތިރި ޕާލާ ސިރިސޭނާ އިންތިހާބު ކާމިޔާބު ކުރެެއްވިކަން ބަލައިގަނެ ހުކުރު ދުވަހު ހެނދުނު އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.
ނަމަވެސް މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި ސިރިސޭނާގެ އިސްތަރުޖަމާނު ވިދާޅުވީ ރާޖަޕަކްސާ ބަލި ގަބޫލު ކުރެއްވުމުގެ ކުރިން ހެޑް އޮފް އާމަޑް ފޯސަސް، ލެފްޓިނެންޓް ޖެނެރަލް، ޑަޔާ ރަޓަނަޔަކާ އަށް ޕުރެޝަރު ކުރައްވައި ސިފައިން ނެރެ، ބާރުގެ ބޭނުން ކުރުމަށް އަމުރު ކުރެއްވި ކަމަށެވެ.
"އާމީ ޗީފަށް ޕުރެޝަރު ކުރި ސިފައިން ނެރުމަށް، އެކަމަކު އޭނާ އިއުތިރާޒު ކުރީ. ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރުމަށް އޭނާ އިއުތިރާޒު ކުރީ،" އާ ރައީސް ސިރިސޭނާގެ އިސް ތަރުޖަމާނު ރަޖިތާ ސެނެރަޓަން މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި ވިދާޅުވި ކަމަށް ދަ އެކޮނަމިކް ޓައިމްސްގައި ބުންޏެވެ.
"އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޭނާ [ރާޖަޕަކްސާ] މަސައްކަތްކުރެއްވި ވެރިކަމުގައި އިންނެވުމަށް. ނަމަވެސް އެނޫން ގޮތެއް ނެތް ކަން އެނގުނު ހިސާބުން ގޮތް ދޫކުރައްވައި ވަޑައިގަތީ،" ތަރުޖަމާނު ވިދާޅުވިި އެވެ.
އެ މައްސަލައާ ބެހޭ ގޮތުން ސިފައިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ތަރުޖަމާނު ވިދާޅުވީ ރާރަޕަކްސާގެ ކޮއްކޮ ގޮޓަބަހަޔާ ވަޒީރުކަން ކުރާ ޑިފެންސް މިނިސްޓްރީގެ ފަރާތުން ޖަފުނާގައި ސިފައިން ނެރެ، އެ ސަރަހައްދުގެ މީހުން ވޯޓުލުމަށް ހުރަސް އެޅުމުގެ ކަންތައް ހަނޑެއް ހިންގި ކަމަށެވެ. ނަމަވެސް ދެ ބޮމެއް ގޮއްވާލުން ފިޔަވައި މާބޮޑު ހާދިސާއެއް އެ ސަރަހައްދުގައި ނުހިގަ އެވެ. އަދި އެ ގޮއްވާލުމުގައި އެއްވެސް މީހަކު މަރެއް ވެސް ނުވެ އެވެ. ޖަފްނާ ސަރަހައްދުން ވަރަށް ގިނަ ބަޔަކު ނުކުމެ ވަނީ ސިރިސޭނާ އަށް ވޯޓުދީފަ އެވެ.
އާ ސަރުކާރުން ވަނީ ރާޖަޕަކްސާ އާއި އޭނާގެ އާއިލާ އަށް ހިމާޔަތާއި ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީންކަންދީފަ އެވެ. ތަރުޖަމާނު ވިދާޅުވީ ބަދަލު ހިފުމަކީ އާ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށާއި ނަމަވެސް އޭގެ މާނައަކީ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު ނޭޅުމެއް ނޫން ވެސް ކަމަށެވެ.