ސުކޫލު ނިންމާ ދަރިވަރުންނާއި މަސައްކަތުގެ މާހައުލުގައި އުޅޭ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާއިން ތަމްރީން ކުރުމަށް މި ހަފްތާގެ ތެރޭގައި 1000 ފުރުސަތު ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެން ހަނީފް ވިދާޅުވި ވިޔަފާރީގެ ދާއިރާއިން ތަމްރީން ކުރުމަށް އަންނަ ހަފްތާގައި ހުޅުވާލާ 1000 ފުރުސަތުގެ ބޭނުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި އުޅޭ ޒުވާނަކަށް ވެސް ބޭނުން ހިފޭނެ ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެންގެ މި ޕްރޮގުރާމް ކުރިއަށް ގެންދެވޭނީ އޮންލައިން ޕްރޮގުރާމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް މި ޕްރޮގުރާމުގައި ބައިވެރިވެ މި ޕްރޮގުރާމުގައި ކިޔެވުމުގެ ހިދުމަތް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ހުޅުވާލާނަން،" ހަނީފު ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ހަނީފު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އިން 1000 ފުރުސަތު ހުޅުވާލަން ނިންމެވި ނަމަވެސް އެ ދާއިރާއިން ތަމްރީންވުމަށް އެދޭ ކުދިންނަށް އިތުރަށް ވެސް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ހަނީފު ވިދާޅުވީ މި ތަމްރީން ކޯސް މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހަ އަތޮޅެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ ފަންނީ މަސައްކަތްތައް ދަސްކުރާ ކޯސްތައް ހިންގާ ޕޮލިޓެކްނިކުގައި 706 ޒުވާނުންނަށް ތަފާތު ފަންނުގެ ކޯސްތަކަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ފުރުސަތު ދީފައި އެވެ. ހަނީފު ވިދާޅުވީ އޭގެ އިތުރުން އަދި 100 ވަރަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.

"މި އަހަރު އެހެންވީމަ 800 އަށް ވުރެއް ގިނަ ޒުވާނުން ޕޮލިޓެކްނިކުން ޒުވާނުން ކިޔެވަމުން ގެންދަވާނެ ކަން އުފަލާއެކު ފާހަގަ ކުރަން. ވޭތުވެދިޔަ އަހަރުތަކުގައި ޕޮލިޓެކްނިކްގެ އާބާދީ އާންމު ގޮތެއްގައި އުޅެނީ 200 އިން ދަށުގައި. މި އަހަރު އެހެން ނަމަވެސް 800 އަށް މި ޖައްސާލެވުނީ، އަދި މި އަހަރުގެ ޖޫން މަހު މި އަދަދު 1000 އަށް މަތިވުމަކީ ޒުވާނުންނަށް އަޅުގަނޑުމެންނަށް ކޮށާލެވިގެން ދިޔަ ވަރަށް ބޮޑު މަގެއް،" ހަނީފު ވިދާޅުވި އެވެ.