ސަތޭކަ ފަސް ދޮޅަށް ދެ މީހުންނާ އެކު ދަތުރުކުރަނިކޮށް ވެއްޓުނު އެއާ އޭޝިޔާ މަތިންދާ ބޯޓުގެ ހުންގާނު، ނޫނީ ޓެއިލް ބައި ކަނޑުއަޑިން މިއަދު ނަގައިފި އެވެ.

ދަ ވޯލް ސްޓްރީޓް ޖާނަަލް އިން މިއަދު ބުނީ އެއާ އޭޝިޔާ 8501 މަތިންދާ ބޯޓުގެ ހުންގާނު ޖާވާ ކަނޑުން ނެގުނު ނަމަވެސް އަދި ވެސް ބޯޓުގެ ކަޅު ފޮށި ނޫނީ ފްލައިޓް ޑާޓާ ރެކޯޑާ ނުފެންނަ ކަމަށެވެ. ނަމަވެސް ހުއްޓުމެއް ނެތި ކަޅު ފޮށި ހޯދުމުގެ މަސައްކަތް ޓީމުން ކުރަމުން އަންނަ ކަމަށް ޖަކާޓާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުންޏެވެ.

އެ ބޯޓުގެ ހުންގާނަކީ ކަނޑުގެ އަޑީން އަދި މިހާތަނަށް ނެގުނު ހަމައެކަނި ބަޔެވެ. ބޯޓުގެ ހުންގާނު ވަނީ ކުމާއީ ޕޯޓަށް ގެންގޮސްފަ އެވެ. އަދި އެ ބައި ތަހުލީލުކޮށް، މިދިޔަ މަހު 28 ވަނަ ދުވަހު އެ ބޯޓު ވެއްޓެން ދިމާވީ ކީއްވެތޯ ބެލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ބޯޓުގެ ހުންގާނު ނޫނީ ޓެއިލް ފެނުނީ ގޮނޑުދޮށާ 100 ވަރަކަށް މޭލު ބޭރުންނެވެ.

ބޯޓުގެ ހުންގާނު އަޑިން ނެނގީ ފްލޯޓް ކުރާ ބޮއި ޖެހުމަށް ފަހު މައްޗަށް ދޫކޮށްލައިގެންނެވެ. އަދި އެ ބައި އާގުބޯޓަށް ނެގީ ކްރޭންގެ އެހީގަ އެވެ.

ބޯޓުގެ ކަޅު ފޮށި ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ. ނަމަވެސް ކަނޑުއަޑީގެ ބިންގަނޑުގެ ޗަސްކަމާއި ނުސާފުކަމުން އަދި އޮއި ގަދަކަމާ އެކު އެ މަސައްކަތް ވަނީ އަދި ކާމިޔާބުވާ ގޮތް ނުވެފައި ކަމަށް ނޫހުން ބުންޏެވެ.

އިންޑޮނޭޝިޔާގެ އޮފިޝަލުން ބުނީ ބޯޓު މޫދުގައި ޖެހުނުލެއް ބާރުކަމުން ކަޅު ފޮށި ބިންގަނޑުގެ ތެރޭގައި ފޮރުވިފައި އޮތުމަކީ ވެދާނެ ކަމެއް ކަމަށެވެ. ފުރަތަމަ އެ މީހުން އުންމީދު ކުރީ ބޯޓުގެ ޓެއިލްގެ ބައި ފެނުނު އިރު ކަޅު ފޮށި އެއާއެކު ފެންނާނެ ކަމަށެވެ. ނަމަވެސް ފަހުން އެނގުނީ ޓެއިލް ބައިގެ ކައިރީގައި ކަޅު ފޮށި ނެތް ކަމެވެ. ހުންގާނުގެ ބައި އިން ދެ މީހެއްގެ ހަށިގަނޑު ހުކުރު ދުވަހު ވަނީ ފެނިފަ އެވެ. އަދި އެ ދެ މީހުންގެ ހަށިގަނޑާ އެކު ހޯދުނު މީހުންގެ އަދަދު 48 އަށް އެރީ އެވެ.