10 Jan 2015, 21:39
ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ސްރީލަންކާގެ އާ ރައީސް މައިތްރިޕަލާ ސިރިސެނާއާ ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު ދުންޔާ އާއި މުންދު ސިރިސެނާއާއެކު ބޭއްވި ބައްދަލުވުމުގައި ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރު ވެސް ބައިވެރިވެވަޑައިގަތެވެ.
ސްރީލަންކާގެ ރައީސް ސިރިސެނާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ދުންޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމްގެ ފަރާތުންނާއި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ރައީސް ސިރިސެނައާއަށާއި ސްރީލަންކާގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފަ އެވެ.
ދެ ގައުމުގެ ސަރުކާރާ ދޭތެރޭ އޮންނަ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.
"ތަރައްގީގައި ސްރީލަންކާ ހާސިލްކޮށްފައިވަނީ މި ސަރަހައްދުގެ އެހެން އެއްވެސް ގައުމަކާ ނުބައްދަލު ކުރިއެރުމެއް. އަދި ސްރީލަންކާގެ ޑިމޮކްރަސީއާމެދު ރާއްޖެ މިއޮތީ ވަރަށް ހިތްހަމަޖެހިފަ. އަދި މިދިޔަ އިންތިހާބުން ދައްކުވައިދިނީ އެ ޑިމޮކްރަސީގެ ވަރުގަދަކަން. ސްރީލަންކާއާއެކު އޮންނަ ގުޅުމުގެ އަގު ދިވެހިރާއްޖެއިން އަބަދުވެސް ވަޒަންކުރާނަން. އެއްވެސް ޝައްކެތްނެތް ގޮތުގައި ކުރިއަށް ދުވަސްތަކުގައި ދެގައުމުގެ ދޭތެރޭ އޮތް ގުޅުންދާނީ ވަރުގަދަވަމުން،" ހާރިޖީ ވަޒީރު ވިދާޅުވެފައިވެ އެވެ.
ސްރީލަންކާގެ ރައީސް ސިރިސެނަޔާ ހާރިޖީ ވަޒީރު ބައްދަލުކުރައްވާފައިވާއިރު، އަލަށް އިންތިހާބުވި ސްރީލަންކާ ސަރުކާރުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ އާ ވެސް މިނިސްޓަރު ވަނީ ބައްދަލުކުރައްވާފަ އެވެ.