10 Jan 2015, 19:33
އެމްޓީސީސީގެ ތާރީހުގައި ފައިދާ ނުވާ މިންވަރަށް މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާ ލިބިފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 80 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ ކުންފުނީގެ 34 އަހަރުގެ ތާރީހުގައި ހޯދިފައި ނުވާ ވަރުގެ ކާމިޔާބީއެއް ކަަމަށް އޭނާ ވިދާޅުވި އެވެ. އެ ކާމިޔާބީ ހޯދުމަށް ކުންފުނީގެ މުވައްޒަފުން ކޮށްދެއްވި މިންނެތް މަސައްކަތް ފާހަގަ ކުރައްވައި އެ މުވައްޒަފުންނަށް އޭނޭ ޝުކުރު އަދާ ކުރެއްވި އެވެ.
އެމްޓީސީސީއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުނިކަމުގައި ހެދުމަށް ޓީމް އެމްޓީސީސީގެ ހުރިހާ މުވައްޒަފުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް ހަލީމް އެދިވަޑައިގެންނެވި އެވެ. މިދިޔަ އަހަރު ކުންފުނީގެ މުވައްޒަފުން އިޖުތިމާއީ ގޮތުންކޮށްދީފައިވާ މަސައްކަތްތައް ފާހަގަކޮށް، ފެނުގެ ކާރިސާގައި އެމްޓީސީސީގެ މުވައްޒަފުން ދައްކުވައިދީފައި ވަނީ "ނަމޫނާ"އެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް އެކި ކަހަލަ އިނާޔަތްތަކާއި މުވައްޒަފުންގެ އެކުވެރިކަމާއި އެއްބައިއެއްވަންތަކަން އިތުރު ކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރައްވާނެ ކަމަށް ހަލީމް ވަނީ ވިދާޅުވެފަ އެވެ.
ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެމްޓީސީސީއަކީ ނަމޫނާ ކުންފުންޏެއް ކަމަށާއި އެ ކުންފުނިން މަސައްކަތް ކުރަނީ ވިޔަފާރިއަށްވުރެ ބޮޑަށް ހިދުމަތެއްގެ ގޮތުގައި ކަންކަން ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ އެ ކުންފުނީގެ ކާމިޔާބީގެ ދަތުރުގެ ކުރި ސަފުގައި މަސައްކަތް ކުރާ މުވައްޒަފުން އިތުރު ކުރަންޖެހޭ ކަމަށާއި އެ މުވައްޒަފުންނަށް ހިތްވަރު ވެސް ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
ކުންފުނީގެ އަހަރީ ދުވަހުގެ ޖަލްސާގައި އެމްޓީސީސީގެ އެކްޓިން ޗެއާމަން ހުސައިން ސާލިމް މުހައްމަދު ވިދާޅުވީ މި އަހަރަށް ކުންފުނިން ފާސްކޮށްފައިވާ ބަޖެޓަކީ ވަރަށް ޗެލެންޖިން ބަޖެޓެއް ކަމަށާއި ޓާގެޓަށް ހާސިލްވުމަށް މުޅި ޓީމު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަސައްކަތްކޮށްފިނަމަ އެމްޓީސީސީއަކީ ރާއްޖޭގައި އޮތް އެންމެ ކާމިޔާބު ކުންފުންޏަށް ނުހެދެންވީ ސަބަބެއް ނެތެވެ.

އެމްޓީސީސީއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދީފައިވާތީ ގޯލްޑް، ބްރޯންޒް އަދި ބްލޫ އެވޯޑު 26 ފަރާތަކަށް ދީފައިވެ އެވެ. އެގޮތުން ގޯލްޑް ކެޓަގަރީން ފަސް އެވޯޑު ހޯދި އެވެ. އަދި ބްރޯންޑް ކެޓަގަރީން ވެސް ފަސް މުވައްޒަފަކު އެވޯޑު ހޯދާފައިވާއިރު، ބްލޫ ކެޓަގަރީން 16 ފަރާތެއް ވަނީ އެވޯޑު ހޯދާފަ އެވެ.
އެމްޓީސީސީއަކީ ޑިސެމްބަރު 18، 1980 ގައި އުފެއްދި ކުންފުންޏެކެވެ. ސަރުކާރުން އުފެއްދި ފުރަތަމަ ފަބްލިކް ކުންފުނި އެމްޓީސީސީއަކީ ދަތުރުފަތުރުގެ ހިދުމަތާއި ބިންހިއްކުމާއި ފަޅު ފުންކުރުމާއި ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރަމުން އަންނަ ކުންފުންޏެކެވެ. ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ ސިގްމާ އެންޓިފައުލިން ސިސްޓަމްގެ ރާއްޖޭގެ އެޖެންޓަކީ އެމްޓީސީސީ އެވެ.
