ސްރީލަންކާއަށް ވަޑައިގަތުމުގެ ދައުވަތު ރައީސްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަށް އެ ގައުމުގެ އާ ރައީސް މައިތިރިޕާލާ ސިރިސޭނާ ދެއްވައިފި އެވެ.

ރައީސް ޔާމީނަށް އެ ދައުވަތު ދެއްވީ ލަންކާގައި ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބަށްފަހު އަލަށް އިންތިހާބުވި މައިތިރިޕާލާ ސިރިސޭނާއަށް މަރުހާބާ ދެއްނެވުމަށް ރައީސް ޔާމީން މިއަދު ގުޅުއްވުމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު "ސަން"އަށް ވިދާޅުވީ ދެ ބޭފުޅުން ފޯނުން ކުރައްވައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި މި ސަރަހައްދުގެ ގައުމުތަކާއި ހާއްސަ ގުޅުންތަކެއް ބާއްވަވާނެ ކަމަށާއި ރައީސް ޔާމީން އެ ގައުމަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.

"ރައީސް ޔާމީނަށް އެންމެ ފަސޭހަފުޅު އެންމެ އަވަސް ފުރަސަތެއްގަ އެ ގައުމަށް ވަޑައިގަތުމުގެ ދައުވަތު ސިރިސޭނާ ވަނީ ދެއްވާފަ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ސިރިސޭނާއަކީ ކުރިން ލަންކާގެ ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅަކަށްވުމުން އެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ވެސް ދެ ގައުމުގެ ގުޅުންތައް ބަދަހިކޮށް ރާއްޖެއަަށް އެހީތެރިކަން ދެއްވާނެ ކަމަށް ސިރިސޭނާ ވިދާޅުވި ކަމަށެވެ.

އެ ދެބޭފުޅުންގެ ވާހަކަފުޅުގައި ލަންކާގެ އާ ސަރުކާރާއެކު ވެސް ދެ ގައުމުގެ ގުޅުން މިހާރަށްވުރެ ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ލަންކާގެ އާ ސަރުކާރުގެ ވެރިންނާއި ބައްދަލުކުރެއްވުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދަނީ މިވަގުތު ވެސް ލަންކާގައި ހަރަކާތްތެރިވަމުންނެވެ. އެ ދެބޭފުޅުންވަނީ އަލަށް އިންތިހާބުވި ސަރުކާރުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ ރައީސް ސިރިސޭނާއާ ވެސް ބައްދަލުކުރައްވާފަ އެވެ.