10 Jan 2015, 16:41
ޕަލެވައްތެ ގަމަރަލަލަގޭ މައިތުރިޕާލާ ޔާޕާ ސިރިސޭނާ އަކީ ސިރީ ލަންކާ ނުވަތަ ސިލޯނުގެ އައު ރައީސެވެ. އުމުރުން 63 އަހަރުގެ ސިރިސޭނާ ސިލޯނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، 2005 ވަނަ އަހަރުން ފެށިގެން އެ މަޤާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސައާ ވާދަ ކުރައްވައި، ވޯޓުގެ 51.3 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ. މި މަހުގެ 9 ވަނަ ދުވަހު ވޯޓުގެ ނަތީޖާ އިއުލާން ކުރެވުނުތާ މާކަ ގިނަ އިރެއް ނުވަނީސް، ސިރިސޭނާ ވަނީ މަގާމުގެ ހުވައި ކުރައްވައި، ރިޔާސަތާ ރަސްމީކޮށް ހަވާލު ވެވަޑައިގެންފައެވެ.
ސިރިސޭނާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިކަން ޔަގީން ވުމާ އެކު، ކުރީގެ ރައީސް ރާޖަޕަކްސަ ވަނީ ބަލި ގަބޫލު ކުރައްވައި، ރަސްމީ ގެކޮޅުގެ ގޮތުގައި ބޭނުން ކުރެއްވި "ޓެމްޕްލް ޓްރީސް" އިން ނުކުމެވަޑައިގެންފައެވެ. މިހާރު އެ ގެކޮޅުގައި އުޅުއްވަނީ އައު ރައީސް ސިރިސޭނާއެވެ. ސީދާސާދާ ދިރިއުޅުއްވުމަކަށް ލޯބި ކުރައްވާ، "އަހަންނަކީ ރަށްފުށުގެ ރައްޔިތުންގެ މީހެއް" ކަމަށް ވިދާޅުވާ، އަދި ސިގިރޭޓާއި ރާ ބުއިމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ސިރިސޭނާއެވެ.
21 މިލިއަން ރައްޔިތުންގެ އާބާދީއެއް އޮންނަ، އަދި އެ އާބާދީގެ 70 އިންސައްތަ އަކީ ސިންގަޅަ ބޫދީން ކަމަށް ވާ ސިލޯނުގެ ސިޔާސީ މަސްރަހުގައި މި އައި ބަދަލަކީ އެތައް ގޮތަކުން ބަލާ އިރު، ވަރަށް ހައިރާން ކުރުވަނިވި ބަދަލެކެވެ.
މީގެ އަހަރެއް ދެ އަހަރެއް ކުރީން ސިލޯނުގެ މަސްރަހާ މެދު ސީރިއަސްކޮށް ވިސްނި އެއްވެސް މުހައްލިލަކު، މިހައި އަވަހަށް ރާޖަޕަކްސަގެ ވެރިކަން ނިމިގެން ހިނގައިދާނެ ކަމަކަށް ގަބޫލެއް ނުކުރާނެއެވެ. އެއިރު އޭނާގެ ބާރު އެހައިވެސް ގަދައެވެ. ހަމައެހެންމެ، ރާޖަޕަކްސައާ ދެކޮޅަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވައި ކާމިޔާބު ހޯއްދެވި ސިރިސޭނާ އިއްޔެ ނޫން އިހަށް ދުވަހާ ހަމަޔަށް ހުންނެވީ ރާޖަޕަކްސަގެ ސަފުގައެވެ. ރާޖަޕަކްސަގެ "ސްރީ ލަންކާ ފްރީޑަމް ޕާރޓީ" ގެ އިސް ލީޑަރެއްގެ ގޮތުގައި، ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައެވެ. އޭނާ ހުންނެވީ ރާޖަޕަކްސަގެ ކެބިނެޓުގައި، ސިއްހަތާ ބެހޭ ވަޒީރުގެ މަގާމުގައެވެ. ވަރަށް ގިނަ ފަހަރު، ވަގުތީ ދިފާއީ ވަޒީރުގެ މަގާމު ވެސް އޭނާ ފުރުއްވިއެވެ. ސިރިސޭނާ ރާޖަޕަކްސަގެ ޕާޓީ ދޫކުރައްވައި، ރިޔާސީ އިންތިޚާބުގައި އޭނާއާ ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވީ މިދިޔަ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ސިރިސޭނާގެ ސިޔާސީ ހަޔާތްޕުޅު
ކޮންމެއަކަސް، މިނިވަން ސިލޯނުގެ 7 ވަނަ ރައީސްގެ ގޮތުގައި، ސިރިސޭނާ މިހާރު އެ ހުންނެވީ މަގާމާ ހަވާލު ވެވަޑައިގެންނެވެ. މިހާރު އެންމެ މުހިއްމު އެއް ސުވާލަކީ، ސިރިސޭނާ އަކީ ކާކުތޯ، މިއެވެ.
3 ސެޕްޓެންބަރު 1951 ގައި އުފަން ވެވަޑައިގަތް މައިތުރިޕާލާ ސިރިސޭނާ ނިސްބަތް ވެވަޑައިގަންނަވަނީ ސިލޯނުގެ މެދުއުތުރުގެ ޕޮލޮންނަރުވާ ޑިސްޓްރިކްޓުގެ މައި ބަލްދާ ކަމަށް ވާ ޕޮލޮންނަރުވާގެ ސިންގަޅަ އާއިލާއަކަށެވެ. އޭނާ ތައުލީމު ހާސިލު ކުރެއްވީ ޕޮލޮންނަރުވާގެ ރޯޔަލް ކޮލެޖުންނާއި، ކުންޑަސަލޭގައި ހުންނަ ސްރީ ލަންކާ ސްކޫލް އޮފް އެގްރިކަލްޗަރ އިންނާއި، ރޫސީ ވިލާތުގެ މެކްސިމް ގޯރކީ ލިޓްރެޗަރ އިންސްޓިޓިޔުޓުންނެވެ. ރޫސީ ވިލާތުގައި ކިޔަވައިވިދާޅުވީ ސިޔާސީ އިލްމުގެ ދާއިރާއިންނެވެ. ރޫސީ ވިލާތުގައި ހުންނެވި އިރު، އޭނާގެ ޝައުގާއި ސަމާލުކަން ކޮމިޔުނިޒަމުގެ ފިކުރުގެ ތެރެއަށް ދިޔައެވެ. ނަމަވެސް އެ ޝައުގުވެރިކަން ވެގެން ދިޔައީ ނުވަރަފުރަޔާ އެކު ނެތިގެން ދިޔަ ޝައުގަކަށެވެ.
އެނބުރި ގައުމަށް ވަޑައިގަތުމަށް ފަހު، ސިރިސޭނާ ހުންނެވީ ޕޮލޮންނަރުވާގައި، ސަރުކާރުގެ ވަޒީފާއެއްގައެވެ. އޭނާ "ސްރީ ލަންކާ ފްރީޑަމް ޕާރޓީ" (އެސްއެލްއެފްޕީގެ ޕޮލޮންނަރުވާ ޒުވާނުންގެ ގޮފީގެ މެންބަރަކަށް ވެވަޑައިގަތީ 1967 ވަނަ އަހަރުއެވެ. 1971 ވަނަ އަހަރު، އުމުރުން އެންމެ 19 އަހަރުގައި، އޭނާ ޖަލަށް ވެސް ލެވުނެވެ. އެއީ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ގެންނާން ވައަތު ފިޔައިގެ "ޕީޕަލްސް ލިބަރޭޝަން ފްރަންޓް" ގެ ހައްދުފަހަނައެޅީން ކުރި މަސައްކަތްތަކެއްގައި ބައިވެރި ވެވަޑައިގަތް ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ވެގެންނެވެ.
15 މަސް ވާންދެން ޖަލުގައި ހުންނެވުމަށް ފަހު، އެނބުރި ވަޑައިގެން އޭނާ އަނެއްކާވެސް އެސްއެލްއެފްޕީގައި އިސްކޮށް ހަރަކާތްތެރި ވެވަޑައިގަންނަވާން ފެއްޓެވިއެވެ. 1983 ވަނަ އަހަރު، ޕާޓީގެ ޒުވާނުންގެ ގައުމީ ޖަމާއާގެ ރައީސަކަށް އޭނާ ވެވަޑައިގަތެވެ. އޭނާ ސިލޯނުގެ ބަރުލަމާނަށް ވަޑައިގަތީ 1989 ވަނަ އަހަރު، އެސްއެލްއެފްޕީގެ މެންބަރެއްގެ ގޮތުގައި، އަދި ޕޮލޮންނަރުވާ ޑިސްޓްރިކްޓުގެ މަންދޫބެއްގެ ގޮތުގައެވެ. ކެބިނެޓުގެ މަގާމަކަށް ފުރަތަމަ ފަހަރު ވަޑައިގަތީ 1997 ވަނަ އަހަރު، ރައީސާ ޗަންދްރިކާ ކުމާރަތުންގަގެ ވެރިކަމުގައެވެ. ހަވާލު ވެވަޑައިގަތް މަގާމަކީ މިނިސްޓަރ އޮފް މަހަވެލި ޑިވެލޮޕްމަންޓެވެ. އެސްއެލްއެފްޕީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ އޭނާ ހަވާލުވެވަޑައިގަތީ 2001 ވަނަ އަހަރުއެވެ.
2005 ވަނަ އަހަރު ސިލޯނުގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެސްއެލްއެފްޕީއަށް ކާމިޔާބު ލިބުމުން، މަހިންދަ ރާޖަޕަކްސަ ރިޔާސަތާ ހަވާލު ވެވަޑައިގަތުމަށް ފަހު، ސިރިސޭނާއަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ، އެންވާރަންމަންޓް، އިރިގޭޝަން އެންޑް މަހަވެލި ޑިވެލޮޕްމަންޓްގެ މަގާމު ހަވާލު ކުރެއްވިއެވެ. އޭނާ މިނިސްޓަރ އޮފް ހެލްތުގެ މަގާމާ ހަވާލު ވެވަޑައިގަތީ 2010 ވަނަ އަހަރުއެވެ.
ހައިރާން ކުރުވަނިވި ބަދަލެއް
މި ދެންނެވި މަގާމުތައް ފުރުއްވި ސިރިސޭނާ އަކީ ހަގީގަތުގައި، ޕާޓީއެއްގެ ޒައާމަތުގެ ފަހަތުގައި ހުންނެވި ބޭފުޅެކެވެ. އޭނާއަކީ ސިލޯނުގެ ސިޔާސީ މަސްރަހުގައި އެންމެ ކުރީ ސަފުގައި އެއްވެސް އިރަކު ހުންނެވި ބޭފުޅެއް ނޫނެވެ. އޭނާއަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވަރުގަދަ ޝަޚްސިއްޔަތަށް ގޮން ޖަހައިލެވިދާނެ ފަދަ ސިޔާސީ ލީޑަރެއް ކަމަކަށް އެކަކު ވެސް ގަބޫލެއް ނުކުރެއެވެ. މި ނުކުތާ ހާމަ ކުރައްވަމުން، ބީބީސީގެ ކުރީގެ ސްރީ ލަންކާ ކޮރެސްޕޮންޑެންޓް ޗާރލްސް ހެވިލޭންޑް ވިދާޅުވެފައި ވަނީ "ރާޖަޕަކްސައަށް ލިބިވަޑައިގެންފައި ވާ ކަރިސްމާގެ ބަޔަކުން ބައެއް ވެސް ސިރިސޭނާގެ ކިބައިގައި ނެތް" ކަމަށެވެ. ނަމަވެސް 9 ޖަނަވަރީގައި އިއުލާން ކުރެވުނު ނަތީޖާއިން އެނގިގެން ދިޔައީ، ހީވެސް ނުކުރާ ގޮތްގޮތަށް، ސިޔާސީ މަސްރަހުގައި ކަންކަން ބަދަލު ވެގެން ހިނގައިދާނެ ކަމެވެ.
ސިރިސޭނާއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުނީ، ރާޖަޕަކްސައާ ދެކޮޅަށް ސިލޯނުގެ ނުފޫޒު ގަދަ، އަދި ބާރުގަދަ އެތައް ބަޔަކު އެކައްޗެއް ކިޔައި ސިރިސޭނާ އެމީހުންގެ ކެންޑިޑޭޓަކަށް ހެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެއްގޮތަކުން ބަލާ ނަމަ، މި ފަހަރުގެ އިންތިޚާބުގައި ސިރިސޭނާއާ އެއްކޮޅަށް ވޯޓު ދިން މީހުންނަށް ވުރެ ބޮޑަށް، އޭނާ މަގާމަށް ގެނައީ ރާޖަޕަކްސައާ ދެކޮޅަށް ވޯޓު ދިން މީހުންނެވެ.
ރާޖަޕަކްސަގެ ވެރިކަމާ މެދު ސިލޯނުގެ މުހިއްމު އެތައް ޖަމާއަތަކާއި، ސިޔާސީ ލީޑަރުންގެ އެތައް ބަޔަކު ނުރުހުންތެރި ވުމުގެ މައިގަނޑު އެއް ސަބަބަކީ އޭނާގެ ވެރިކަމުގައި އިޖުތިމާއީ އަދާލަތު ގެއްލިގެން ދިޔުން ކަމަށް ބުނެވެއެވެ. އެގޮތުން، ތަމަޅައިންނާއި މުސްލިމުންނާ މެދު ނިކަމެތި ގޮތްގޮތަށް ކަންކަން ވަމުން ދިޔަކަން ވަރަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. ހަމައެހެންމެ، ރާޖަޕަކްސަގެ އާއިލީ ބޭފުޅުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެން، ލަންކާގެ ސިޔާސީ މައިދާނަކީ އެ އާއިލާގެ "ގޮލްފް ކޯހަކަށް" ހައްދަވާން އުޅުއްވި ކަމުގެ ތުހުމަތު ވެސް ކުރެވުނެވެ. ޚުދު ސިރިސޭނާ، ރާޖަޕަކްސަގެ ޕާޓީން ވަކި ވެވަޑައިގެން އޭނާއާ ވާދަ ކުރައްވާން ނިންމެވި އިރު ވެސް، ވިދާޅުވި އެކައްޗަކީ ރާޖަޕަކްސަގެ ވެރިކަމުގައި ހުރިހާ ކަމެއް އެއްމެ އާއިލާއެއްގެ ބާރުގެ ދަށަށް ދާ ވާހަކައެވެ. ރާޖަޕަކްސަގެ ތިން އަޚުންނާއި، އޭނާގެ ދަރިކަލުން ބޮޑެތި ސިޔާސީ މަގާމުތަކުގައި ތިއްބެވިކަން އިދިކޮޅު މީހުން އަބަދުވެސް ފާހަގަ ކުރެއެވެ. މީގެ އިތުރުން، ރާޖަޕަކްސަގެ ވެރިކަމުގެ ޚުދުމުޚުތާރިއްޔަތު ވަރުގަދަ ވަމުން ދިޔަ ކަމުގެ ތުހުމަތަކީ ވެސް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ކުރަމުން ދިޔަ ތުހުމަތެކެވެ.
ރާޖަޕަކްސަގެ ވެރިކަމުގައި ރިޔާސަތުގެ ބާރު ވަރުގަދަ ކުރެވުނެވެ. އޭގެ އެންމެ ރީތި އެއް މިސާލަކީ، 2010 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވައި ދެވަނަ ދައުރަކަށް ރާޖަޕަކްސަ ރައީސްކަމާ ހަވާލު ވެވަޑައިގަތުމަށް ފަހު، އޭނާގެ އެދިވަޑައިގަތުމާ އެއްގޮތަށް، ރައީސްކަމުގައި ދެ ދައުރަށް ވުރެ ގިނަ ދުވަހު އެއްވެސް ބޭފުޅަކަށް ނުހުންނެވޭނޭ ކަމަށް ބުނާ ދުސްތޫރީ ނައްސު އިސްލާހު ކުރެވުނު ކުރެވުމެވެ. މިފަދަ ހާލަތެއްގައި، ސިލޯނުގައި ފަސާދަ އާއި ބޭއިންސާފު އާއްމު ވަމުން ދިޔަ ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދިޔައީ ބުނަމުންނެވެ.
ރާޖަޕަކްސަގެ ސަރުކާރާ މެދު ނުރުހުންތެރިކަން ގެންގުޅުނު ތަމަޅަ، ކްރިސްޓިއަން އަދި މުސްލިމް މައިނޯރިޓީތަކުގެ ތާއީދު ލިބުނީ ސިރިސޭނާއަށެވެ. ވަރަށް ގިނަ މުހައްލިލުން ވިދާޅުވާ ގޮތުގައި، ސިރިސޭނާއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުނީ މި ތިން ޖަމާއަތުގެ ތާއީދުގެ ސަބަބުންނެވެ. މީގެ އިތުރުން، ބޫދީ ހާމުދުރުންގެ ޒައާމަތުގެ ތެރެއިން ވެސް ގިނަ ބަޔަކު، ފަހު ވަގުތު ރާޖަޕަކްސަ ދޫކޮށް، ސިރިސޭނާއަށް ތާއީދު ކުރާން ފެށިއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ، ކުރީން ރާޖަޕަކްސައަށް ވަފާތެރި ބައެއްގެ ގޮތުގައި އޮތް ބޫދީ ހާމުދުރުންގެ ޕާޓީ "ޖަތިކާ ހެލާ އުރްމާޔާ" އޭނާއާ ވަކި ވެ، ސިރިސޭނާއާ ގުޅުނު ގުޅުމެވެ.
ހަމައެހެންމެ، ސިލޯނުގައި ނުފޫޒު ގަދަ ލީޑަރުންގެ ތެރެއިން، ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނައިކެ ކުމާރަތުންގަ އާއި، ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ތިއްބެވީ ސިރިސޭނާގެ ފަހަތްޕުޅުގައެވެ. މީގެ ތެރެއިން ރަނިލް ވިކްރަމަސިންހަ މިހާރު ވަނީ ސިލޯނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަން ކުރެވިފައެވެ. ރަނިލް ވިކްރަމަސިންހަގެ "ޔުނައިޓެޑް ނެޝަނަލް ޕާރޓީ" (ޔޫއެންޕީ) އަކީ ޝަހަރީ ސަރަހައްދުތަކުގައި އެންމެ ތާއީދު ބޮޑު އެއް ޕާޓީއެވެ. ރާޖަޕަކްސައެކޭ އެއްފަދައިން، ސިރިސޭނާއަށް ވެސް ތާއީދު ކުރާ މީހުން ގިނައީ ސިލޯނުގެ ރަށްފުށު ހިސާބުގަނޑުގައެވެ. އެހެންކަމުން، ޝަހަރީ ސަރަހައްދުތަކުން ޔޫއެންޕީގެ ސަޕޯޓަރުންގެ ވޯޓު ނުލިބުނު ނަމަހީވެސް، ސިރިސޭނާއަށް އިންތިޚާބު ކާމިޔާބު ކުރެއްވުން ދުރެވެ.
ސިރިސޭނާއަށް ސިލޯނުގެ އިންތިޚާބު ކާމިޔާބު ކުރެއްވުނު ގޮތް ފެންނާން އޮތަސް، ރާޖަޕަކްސަގެ ވެރިކަން ވެއްޓި، އޭނާގެ ފަހަތްޕުޅުގައި ވަޒީރެއްގެ ގޮތުގައި އަދި އޭނާގެ އިސް ހަލީފުންގެ ތެރޭގައި ހުންނެވި ބޭފުޅަކު ގައުމުގެ ރައީސްކަމުގެ މަގާމަށް ވަޑައިގަތް ވަޑައިގަތުމަކީ ހައިރާން ކުރުވަނިވި ބަދަލެކެވެ.
ޚިޔާނާތުގެ ތުހުމަތު
ރާޖަޕަކްސަގެ ޕާޓީ ދޫކުރައްވައި ރިޔާސީ އިންތިޚާބުގައި އޭނާއާ ދެކޮޅަށް، އިދިކޮޅު ޕާޓީތަކުގެ ގުޅިފައި ވާ އިއްތިހާދެއްގެ ކެންޑިޑޭޓުގެ ގޮތުގައި ނުކުމެވަޑައިގަންނަވާނެ ކަން ސިރިސޭނާގެ ފަރާތްޕުޅުން އިއުލާން ކުރެވުމާ އެކު، އޭނާއަކީ ޣައްދާރެއް އަދި ޚާއިނެއް ކަމުގެ ތުހުމަތު ރާޖަޕަކްސައަށް ތާއީދު ކުރާ ފަރާތްތަކުން ކުރިއެވެ. އެމީހުން ތުހުމަތު ކުރި ގޮތުގައި، ސިރިސޭނާ އަކީ ހަގީގަތުގައި އިދިކޮޅު ލީޑަރެއް ނޫނެވެ. އެއާ ޚިލާފަށް، އޭނާއަކީ ކުރީގެ ރައީސާ ޗަންދްރިކާ ކުމާރަތުންގަގެ "ގޮނޑިކޮއްކޮ" އެކެވެ.
އެސްއެލްއެފްޕީގެ މުހިއްމު އެހެން ބައެއް ލީޑަރުންނާ ވެސް އެކު، ސިރިސޭނާ ޕާޓީ ދޫކޮށްލެއްވުމުން، ޚުދު ރާޖަޕަކްސަ ވެސް ވަނީ ވަރަށް ހަރުކަށި އިބާރާތުން ސިރިސޭނާއަށް ފާޑު ވިދާޅުވެފައެވެ. ސިރިސޭނާ ރާޖަޕަކްސަގެ ޕާޓީން ވަކިވެވަޑައިގެން، އޭނާއާ ދެކޮޅަށް ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވި ކަމަށް ވަނީ ފަރީކޮޅެއްގެ ސުފުރާމަތީން ބޭއްވުނު ބައްދަލުވުމަކަށް ފަހުގައެވެ. މިކަމަށް އިޝާރާތް ކުރައްވައި، ރާޖަޕަކްސަ ވިދާޅުވެފައި ވަނީ ސިރިސޭނާ ކުރެއްވި ކަމަކީ "ރޭގަނޑު އެކީގައި އައްޕާ ކެއުމަށް ފަހު، ޖެހިގެން އައި ދުވަހުގެ ހެނދުނު ބުރަކަށްޓަށް ވަޅި ހެރުން" ކަމުގައެވެ. އައްޕާ އަކީ ސިލޯނުގައި ވަރަށް މަގުބޫލު، އުފާވެރިކަމުގެ މަހައްލުތަކުގައި އާއްމުކޮށް ކައިއުޅޭ ކެއުމެކެވެ.
ސިރިސޭނާ ފަހުން ވިދާޅުވީ، ރާޖަޕަކްސައާ ދުރަށް ވަޑައިގެން އޭނާއާ ވާދަ ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ އުނދަގުލުން ނިންމެވި ނިންމެވުމެއް ކަމަށާއި، ރާޖަޕަކްސައާ މެދު ހިތްޕުޅުގައި ހަމްދަރުދީ އޮތް ކަމަށާއި، އެހެން ނަމަވެސް "ގައުމާއި ގައުމުގެ މުއްސަނދިކަމާއި ސަރުކާރު މުޅީން އަމިއްލަ މުށުތެރެއަށް ގެންނަވާ ލީޑަރަކާ އެކީގައި ނުހުންނެވޭނެ" ކަމަށެވެ.
ސިރިސޭނާއާ އެކު ކުރިމަގު
މަހިންދަ ރާޖަޕަކްސަގެ ވަފާތެރީންނެކޭ އެއްފަދައިން، އޭނާގެ ސިޔާސީ ދެކޮޅުވެރީން ވެސް ގަބޫލު ކުރާ ހަގީގަތެއް ވެއެވެ. އެ ހަގީގަތަކީ، ސިލޯނުގެ ޒަމާން ވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެންނަވައި، އިގުތިސާދީ އަދި އުމްރާނީ ތަރައްގީގެ ރޮނގުގައި އެ ގައުމު ރަނގަޅު މިސްރާބަކަށް ގެންދެވުމަށް އޭނާ ކުރެއްވި މަސައްކަތުގެ ފުރިހަމަކަމާއި، އެ މަސައްކަތުގެ ނަތީޖާ ވަރަށް ބޮޑަށް ފެނިފައި ވާ ކަމެވެ.
އެހެންކަމުން، އައު ރައީސް ސިރިސޭނާގެ ކުރިފުޅުމަތީގައި އޮތް އެންމެ ބޮޑު އެއް ޗެލެންޖަކީ އިގުތިސާދީ ތަރައްގީ އާއި އުމްރާނީ ކުރިއެރުމުގެ މައިދާނުގައި، ރާޖަޕަކްސަގެ ކާމިޔާބީތައް ފަނޑު ކޮށްލަނިވި ކުރިއެރުންތަކެއް ހާސިލު ކުރެއްވުމުގެ ޗެލެންޖެވެ. އެކަން ނުކުރެވިއްޖެ ނަމަ، ސިރިސޭނާއަކީ ރާޖަޕަކްސައާ އަޅާކިޔާ އިރު ބޮޑުފޭލިން ފޭލި ވެއްޖެ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ބުނާން ފަށާނެއެވެ.
ސިރިސޭނާގެ ރިޔާސީ ކުރިމަގަށް އޮތް އެންމެ ބޮޑު އަނެއް ގޮން ޖެހުމަކީ، ޚިޔާލު ތަފާތު، އަދި މަސްލަހަތުތައް ވެސް ތަފާތު އެތައް ބަޔަކު ގޮވައިގެން، އެ އެންމެން ރުހޭނޭ ގޮތަށް ކަންކަން ކުރައްވައިގެން ވެރިކަން ކުރައްވާން ޖެހިފައި އޮތް އޮތުމެވެ. ސިޔާސީ ލީޑަރުންގެ ތެރެއިން ކުރީގެ ރައީސާ ޗަންދްރިކާ ކުމާރަތުންގަ އާއި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ފަދަ ބޭފުޅުންނަކީ ސިރިސޭނާގެ ހަލީފުން ކަމަށް އިންތިޚާބުގެ ތެރޭގައްޔާއި އިންތިޚާބުގެ ފަހަތްމަތީގައި ވިޔަސް، ކުރިމަގުގައި އެ ބޭފުޅުންގެ ފަރާތުން ކުރިމަތި ވާނީ ކޮން ކަހަލަ، ކޮންކޮން ކަންތައްތަކެއްކަމެއް ނޭނގެއެވެ.
ހަމައެހެންމެ، ސިރިސޭނާގެ ފަހަތްޕުޅުގައި ސިންގަޅައިންނާއި، ތަމަޅައިންގެ ވަތަނީ ޚިޔާލުގެ ޖަމާއަތްތަކާއި، ބޫދީ ދީނީ ޖަމާއަތްތަކާއި، ކްރިސްޓިއަނުންނާއި މުސްލިމުން ވެސް އެބަ ތިއްބެވެ. ވީމާ، މިހާރު ކުރެވޭ ބޮޑު އެއް ސުވާލަކީ، މި އެންމެން ރުއްސައިގެން ސިރިސޭނާއަށް އުޅުއްވިދާނެ ބާވައޭ، ނުވަތަ އުޅުއްވޭނީ ކިހައި ދުވަހަކު ބާވައޭ، މި ސުވާލެވެ.
ސިރިސޭނާ ވަނީ ސިލޯނުގެ ދުސްތޫރީ، ސިޔާސީ، އިގްތިސާދީ، އަދި އިޖުތިމާއީ ކުރިމަގަށް ޓަކައި ގިނަ ވިސްނުންތަކެއް ހާމަ ކުރައްވައިފައެވެ. އޭނާގެ އެއް ވައުދަކީ، ރާޖަޕަކްސަގެ ވެރިކަމުގައި ސިލޯނުގެ ދުސްތޫރަށް ގެނެވުނު 18 ވަނަ އިސްލާހު ބާތިލު ކުރެއްވުމުގެ ވައުދެވެ. އެ އިސްލާހަކީ ރައީސަށް ގިނަގުނަ ބާރުތަކެއް ލިބިދީ، އެކަކަށް ރައީސްކަން ކުރެވޭނީ ގިނަވެގެން ދެ ދައުރުގައި ކަމަށް ބުނާ ދުސްތޫރީ ނައްސު އުވައިލި އިސްލާހެވެ. ސިރިސޭނާ ވިދާޅުވާ ގޮތުގައި، ދުސްތޫރީ އަދި ސިޔާސީ ނިޒާމަށް ގެނެވޭ އިސްލާހުތަކާ އެކު، ރިޔާސަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިލޯނުގެ ވެރިކަން އަނެއްކާވެސް ފުރިހަމަ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްދެއްވާނެއެވެ. މި ބަދަލުތަކުގެ ތެރޭގައި، ރާޖަޕަކްސަގެ ވެރިކަމުގައި ރައީސްގެ ބާރުގެ ދަށަށް ގެނެވުނު ފުލުހުންގެ މުއައްސަސާ އާއި، ޝަރުއީ ދާއިރާ އާއި، ސިވިލް ސަރވިސް އަނެއްކާވެސް މިނިވަން ކުރެވިގެން ދާނެއެވެ.
އިގުތިސާދީ ގޮތުން ބަލާ އިރު، ސިރިސޭނާގެ ތަސައްވުރަކީ މިނިވަން ބާޒާރާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށް ސިލޯނު ހުޅުވައިލެއްވުމާއި، ސިލޯނުގައި އުފުލެމުން ދާ ދިރިއުޅުމުގެ އަގު ތިރި ކުރެއްވުން ފަދަ މުހިއްމު ބަދަލުތައް އަވަހަށް ގެންނެވުމެވެ.
ސިލޯނުގެ ދާޚިލީ ހަމަޖެހުމާއި އަމަންއަމާންކަމުގެ ކަންކަން ބެލެހެއްޓުމުގައި، ސިރިސޭނާގެ ސިޔާސަތު ކުރީގެ ރައީސް ރާޖަޕަކްސަގެ ސިޔާސަތާ ތަފާތު ވެގެން ދާނެ ކަމަކަށް ނުބެލެވެއެވެ. އިންތިޚާބުގެ ކުރީން ވެސް ސިރިސޭނާ ވިދާޅުވެފައި ވަނީ، ތަމަޅައިންގެ އަކްސަރިއްޔަތު އޮންނަ އުތުރުގެ ސަރަހައްދުގައި ގާއިމު ކުރެވިފައި ވާ ވަރުގަދަ އަސްކަރީ ބާރު އަނބުރައި ނުގެންނަވާނެ ކަމަށެވެ. ޚުދު ސިރިސޭނާ އަކީ ތަމަޅަ ޓައިގަރުންގެ ހަމަލާއެއްގެ ހިތިކަން ތަޖުރިބާ ކުރައްވާން ޖެހިވަޑައިގަތް ބޭފުޅެކެވެ. 2008 ގެ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު، ކޮޅުނބުގެ ބޯރާލެސްގަމޫވާގައި، ތަމަޅަ ޓައިގަރުން ދިން ފިދާއީ ހަމަލާއެއްގައި ސިރިސޭނާ ސަލާމަތް ވެވަޑައިގަތީ ކިރިޔާއެވެ. އެ ހަމަލާގައި އޭނާގެ އަރިހުގައި ތިބި މީހުންގެ ތެރެއިން އެކަކު މަރު ވެ، އެތައް ބަޔަކު ޒަޚަމް ވިއެވެ. ރާޖަޕަކްސަގެ ވެރިކަމުގައި ތަމަޅައިންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގެ ތެރޭގައި ވެސް، ސިޔާސީ ޒައާމަތުގައި ސިރިސޭނާ މުހިއްމު ދައުރެއް އަދާ ކުރެއްވިއެވެ. ހަނގުރާމައިގެ ފަހު ހައެއްކަ އަހަރުގެ ތެރޭގައި، އޭނާ ސިލޯނުގެ ދިފާއީ ވަޒީރުގެ މަގާމު ވަގުތީ ގޮތުން ފަސް ފަހަރަކު ފުރުއްވިއެވެ. ހަނގުރާމައިގެ ފަހު ދެ ހަފުތާގެ ތެރޭގައި ވެސް އެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ އޭނާއެވެ.
އެހެންކަމުން، ލަންކާގެ ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު އަލުން ފަޅައިގެން ދާން ފުރުސަތު ނުދެއްވުމަކީ އޭނާ އެންމެ ބޮޑަށް ބައްލަވާނެ އެއް ކަންތައް ކަމީ ޔަގީން ކަމެކެވެ. ހަމައެހެންމެ، ކުރީގެ ސަރުކާރުގެ ލީޑަރުންނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ޖިނާއީ ދައުވާތަކެއް އުފުލައި، ލަންކާގެ ސަރުކާރާއި އަސްކަރިއްޔާގެ ވެރީންތަކެއް ހަނގުރާމައިގެ ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތާ ގުޅޭ ތަހުގީގުތަކެއް ހިންގާން ބައިނަލްއަގުވާމީ މުޖުތަމައަށް ފުރުސަތު ދެއްވުމަށް ވެސް އޭނާ ހުއްދަ ދެއްވާނެ ކަމަކަށް ނުބެލެވެއެވެ.
ކޮންމެއަކަސް، ސިލޯނުގެ ސިޔާސީ މަސްރަހަށް މި އައި ބަދަލަކީ ޝައުގުވެރި ކުރުވަނިވި ބަދަލެކެވެ. މި ބަދަލު އައުމުގައި ސަބަބުތަކަކަށް މެދުވެރި ވި ބަހާތަކާއި ކަންކަން ގިނަ ކަމާއި، އެކަންކަން ހިނގައިދިޔަ ގޮތުން، ދެން ވާނީ ކިހިނެއްކަން ލަފާ ކުރުން ވަރަށް އުނދަގުލެވެ. ޔަގީން ވާ އެއް ކަމަކީ، ކުރިޔަށް އޮތް ދުވަސްކޮޅަކީ މައިތުރިޕާލާ ސިރިސޭނާގެ ސިޔާސީ ގާބިލިއްޔަތު އެންމެ މަތީ ދަރަޖައިގައި އިމްތިހާނު ކުރެވިގެން ދާނޭ ދުވަސްކޮޅެއް ކަމެވެ.