10 Jan 2015, 15:39
ގޭތެރޭ ގެންގުޅޭ އިލެކްޓޯނިކްސް ސާމާނު ވިއްކާ އެމެރިކާގެ ވާލްޕޫލު ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމަށް ރީފްސައިޑާއި އެ ކުންފުންޏާ މެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރީފް ސައީޑުގައި މިއަދު ބޭއްވި ހަފްލާއެއްގައި ރީފް ސައިޑުގެ ފަރާތުން އެ އެއްބަސްވުމުގައި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޒާހިރު ސޮއިކުރެއްވި އިރު ވާލްޕޫލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީނިއާ ޑައިރެކްޓަ އިންދުރަނިލް ސިންހައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވާލްޕޫލް ސީނިއާ ޑައިރެކްޓަރު އިންދުރަނިލް ސިންހަ ވިދާޅުވީ އެކުންފުނީގެ އުފެއްދުންތަކަކީ ދުނިޔޭގެ އެއް ނަމްބަރު ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނުތައް ކަމަށެވެ. އަދި މިއަދު ދެ ފަރާތުންވި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އެ ބްރޭންޑްގެ ސާމާނުތައް ވިއްކަންފައްޓާނެ ކަމަށެވެ.
"ހޯމް އެޕްލައިންސްގެ ތެރޭގައި ހިމެނެނީ ރެފުރިޖެރޭޓާއާއި ދޮންނަ މެޝިނާއި މައިކުރޯ އަވަން އާއި ބަދިގޭގައި ގެންގުޅޭ ސާމާނުތަކާއި އެއާކޮންޑިޝަން" އިންދުރަނިލް ވިދާޅުވި އެވެ.
ރީފް ސައިޑުގެ ފަރާތުން ވާހަކަ ދައްކަވަމުން ރީފް ސައިޑުގެ ޑައިރެކްޓާ ސަލްމާން ހަސަން ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމާ އެކު ވާލްޕޫލުގެ އުފެއްދުންތައް ވިއްކުމަށް މިރޭ ރީފްސައިޑުގެ ޝޯރޫމެއް މާލޭގައި ހުޅުވާނެ ކަމަށެވެ.
ވާލްޕޫލަކީ 100 އަށް ވުރެ ގިނަ އަހަރުވެފައިވާ އެމެރިކާގެ އެއް ވަނަ ދަރަޖައިގައި ހިމެނޭ ކުންފުންޏަކަށްވާ އިރު އެ ކުންފުނިން ދަނީ ދުނިޔޭގެ 170 ގައުމުގައި ހަރަކާތްތެރިވަމުންނެވެ. މިސަރަހައްދުގައި އެ ކުންފުނީގެ ހެޑް އޮފީސް ހުންނަނީ އިންޑިއާގެ ނިއު ދިއްލީގަ އެވެ.