ދިރާސާ އާ އަހަރު މާދަމާ ފެށިގެންދާއިރު ހުރިހާ ސްކޫލެއްގައި ވެސް ކިޔެވުން ފެށޭނެ ކަމަށާއި ކިޔެވުން ނުފެށޭނެ އެއްވެސް ސްކޫލެއް ނުހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން ވެފައިވާ ތައްޔާރީތަކާ ގުޅޭ ގޮތުން މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ކިޔަވާ ކުދިންނަށް ބޭނުންވާ ހުރިހާ ވަސީލަތަކާއި ހުރިހާ ޓީޗަރުންނެއް މާދަމާ ހަމަވެ ސްކޫލުތަކުގައި ކިޔަވައި ދިނުން ފެށޭނެ ކަމަށެވެ.

"ވަރަށް އިތުބާރު އަދި ވަރަށް ސާބިތުކަމާ އެކު އަޅުގަނޑު މިދަންނަވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މާދަމާ ހަމަ ކިޔެވުން ފެށޭނެ. ހަމަ އެ ކުދިންނަށް ކިޔަވަން ބޭނުންވާ ހުރިހާ ރިސޯސަސް އާއި ހުރިހާ ޓީޗަރުންނާ ހަމަވެގެން ވެސް ދާނޭ." މިނިސްޓަރު އައިޝަތު ޝިހާމުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރައާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބުދުލް މުހުސިން މުހައްމަދު ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު ފަރުމާ ކުރުމުގައި މައިގަނޑު ތިން އަސާސަކަށް ބަލާފައިވާނެ ކަމަށެވެ. އެގޮތުން ޓީޗަރުންނަށް އެންމެ ހައްގު އުޖޫރު ދިނުމާއި ޓީޗަރުންގެ އިލްމީ ގާބިލްކަން އިތުރުކުރުމާއި ތައުލީމީ ދާއިރާގެ މަތީ ސަނަދުތައް ހާސިލު ކުރުމާއި އަދި އެފަދަ ސަނަދުތައް ހާސިލްކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ އިތުރުން އެފަދަ ސަނަދުތައް ހާސިލުކުރުމަށް ހިތްވަރުދިނުން ހިމެނޭ ކަމަށް މުހުސިން ވިދާޅުވި އެވެ.

"ސިވިލް ސާވިސްގެ ގާނޫނުގައި އެބުނާ ކެރިއާ ޕާތު ނުވަތަ ވަޒީފާގައި ހުރެގެން ކުރިއަށް ދާނީ ކިހިނެއްކަން ވަރަށް ސާފުކޮށް މި އޮނިގަނޑުން ބަޔާން ކޮށްދޭނެ. އެކަމަކީ ގާނޫނީ ގޮތުން މި އޮނިގަނޑުގައި ބަޔާންކުރަން ޖެހޭ ކަމެއް. ދެން މުސާރަ ވެސް މިއިންނަނީ ތިން ބަޔަކަށް ބަހާލާފައި. އެއީ އަސާސީ މުސާރަ އާއި އެޑިއުކޭޝަން ކޮލިފިކޭޝަނާއި މަަސައްކަތުގެ ހާލަތަށް ބިނާކޮށް ދެވޭ އެލަވަންސުތަކެއް ވެސް ހިމެނޭނެ." މުހުސިން ވިދާޅުވި އެވެ.

މުހުސިން ވިދާޅުވީ ކޮންމެ ޓީޗަރަކަށާއި ކޮންމެ ލީޑިން ޓީޗަރަކަށް ވެސް ޖުމުލަކޮށް 33 ޕަސެންޓުގެ ކުރިއެރުމެއް މުސާރައަށް ލިބިފައިވާނެ ކަމަށެވެ. މިނިސްޓްރީގެ އަމާޒަކީ މި މަސް ނިމިގެންދާ އިރު ކޮންމެ ޓީޗަރަކަށް އާ އޮނިގަނޑުގެ މުސާރަ ލިބިގެން ދިއުން ކަމަށް ވެސް މުހުސިން ވިދާޅުވި އެވެ.

ދިރާސީ އާ އަހަރު މާދަމާ ފެށިގެންދާ އިރު ގައުމީ އާ މަންހަޖާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވީ މާދަމާ ސްކޫލުތަކުގެ ކިޔެވުން ފަށާނީ ތައުލީމީ ދާއިރާއަށް އަންނަ އެންމެ ބޮޑު ބަދަލާ އެކު ކަމަށެވެ.

"މިކަން އަޅުގަނޑުމެންނަށް ކުރިއެރުވިފައި މިވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން ކަނޑައެޅި ޕްލޭނެއްގެ ދަށުން އަދި ހަމައެއާއެކީގައި އެ ސްޓެރެޓެޖީގައި އެކުލިވެގެންވާ ގޮތުގެ މަތީން މަންހަޖު ތަންފީޒުކުރުމާއި ބެހޭ ހާއްސަ މަގުޗާޓެއް ތައްޔާރުކުރެވިގެން މި މަގުޗާޓުގައި 2017 ވަނަ އަހަރުގެ ނިޔަލަށް ގައުމީ މަންހަޖު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ." ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ މަންހަޖު ތަންފީޒު ކުރަން ފަށާއިރު ހުރިހާ ކަމެއްވެސް ނިމި ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން މަތީ ތައުލީމު ހާސިލު ކުރުމަށްދޭ ފުރުސަތުތަކާ ގުޅޭ ތަފްސީލް ވެސް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ދެއްވާފައި އެވެ. އެގޮތުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް އެޅުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ކޮށް ނިމިފައި ކަަމަށެވެ. އިސްލާމިކް ޔުނިވަސިޓީ ގާއިމް ކުރުމަށް މިހާރު ކުރަންޖެހޭ ކަމަކީ އެކަމަށް ބޭނުންވާ ގޫނެއް ވުޖޫދަށް ގެނައުން ކަމަށް އަޒްލީން ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މަޖިލީހުގައި ދެން އޮންނަ ދައުރުގައި އެ ބިލް ފާސްކުރުމާ ގުޅިގެން އަދި ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ އެކު އެކަން ހަމަޖެހިގެންދާނެ. އަދި ހަމައެއާ އެކު ބައިނަލްއަގުވާމީ މަޝްހޫރު ޔުނިވާސިޓީތަކާއި ގުޅިގެން އެއް އަހަރުން ނުވަތަ ދެ އަހަރުން ދިވެހި ރާއްޖޭގެ ޒުވާނުންނަށް ޕްރޮފެޝަނަލް މިންގަނޑެއްގައި މަސައްކަތް ކުރުމުގެ މަތީ ތައުލީމުގެ މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކުރަމުން އަންނަވަރަށް ބޮޑު މަސައްކަތެއް." އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ އެ މަސައްކަތުގެ ދަށުން މިހާރު ބައެއް ޔުނިވާސިޓީތަކާ އެކު އެމްއޯޔޫ އެއްގައި ސޮއިކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށެވެ.