ސްރީލަންކާގެ އާ ރައީސް މައިތިރި ޕާލާ ސިރިސޭނާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވި އިރު އޭނާ އަށް ރައީސްކަން ލިބިވަޑައިގެންފި ނަމަ ކުރައްވާނެ ކަންތައްތަކެއް ހާމަކުރެއްވި އެވެ. އެގޮތުން ރިޔާސަތުގައި ހޭދަކުރައްވާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންތައްތަކެއް ވެސް ވެސް ވަނީ ތަފުސީލާ އެކު ހާމަކުރައްވާފަ އެވެ.
ލަންކާގެ އާއްމު އުސޫލާ ހިލާފަށް ތިން ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް މަހިންދަ ރާޖަޕަކްސާ ބަލިކުރެއްވުމަށް ފަހު ސިރިސޭނާއަކީ މިހާރު އެގައުމުގެ ރައީސެވެ. އެހެންވީމާ ވައުދުތަކުގެ ލިސްޓް އަލުން ހޯދައި އެ ލިސްޓް ދަސްކުރަން ބައެއް މީހުން އުޅޭނެ ކަމަށް ބެލެވެ އެވެ.

ސިރިސޭނާގެ ލިސްޓްގައިވާ ކަންތައްތަކުގެ ތެރޭގައި ރައްޔިތުންނާ ސީދާ ގުޅުން ހުރި މުހިއްމު ކަންތައްތައްވެ އެވެ. މުސާރަތައް ބޮޑުކޮށް، ޑިސްޓްރިކްޓް ޓެކްސް ކުޑަކުރުމަކީ އެފަދަ ކަމެކެވެ. އެކަންތައް މިމަހުގެ 30 ވަނަ ދުވަހު ކުރައްވަން އޭނާ ވަނީ ކަނޑައަޅުއްވާފަ އެވެ. އެގޮތުން ކޮންމެ ކޮންމެ ޕަބްލިކް ސާވަންޓަކަށް ވެސް މަދުވެގެން 10000 ރުޕީސް ލިބޭނެ ގޮތް ހަމަޖައްސަވައި، ފެބްރުއަރީ މަހު 5000 ރުފީސްދޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. މުސާރައާ ބެހޭ ރަނގަޅު ސްކީމެއް އެއަށް ފަހު އެކުލަވާ ލައްވާނެ ކަން ވެސް އޭނާ ވަނީ ހާމަކުރައްވާފަ އެވެ.

ކޮންމެ ޕެންޝަނަރަކަށް 5000 ރުޕީސް ދެއްވުމަކީ ވެސް 100 ދުވަހުގެ ވައުދުގައި ހިމެނޭ ކަމެކެވެ. ލިސްޓްގައި ހިމެނޭ އަނެއް ކަމަކީ ޕަބްލިކް ސާވަންޓުން ސައިކަލް ގަތުމަށް ނަގާފައިވާ ލޯނުތައް މައާފްކޮށްދިނުމެވެ. އެގޮތުން މައާފް ކުރުމާ އެކު ކުރިން ފައިސާ ދައްކާފައިވާ މީހުންނަން އަނބުރާ އެފައިސާ ދިނުމަކީ ވެސް ކުރައްވަން ވައުދުވެވަޑައިގެންފައިވާ ކަމެކެވެ.

މި ވައުދުތަކާ އެކު ލަންކާއަށް ދުސްތޫރީ އަދި ގާނޫނީ ގޮތުން ބަދަލުތައް ގެންނަވައި ކުރިން އޮތް ފަދަ ޑިމޮކްރެޓިކް ހައިބްރިޑް ސިސްޓަމަކަށް ލަންކާ އިއާދަކޮށްދެއްވާނެ ކަމަށް ވެސް ސިރިސޭނާ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ވައުދުތަކުގެ ލިސްޓް ވަރަށް ދިގެވެ. ރައީސް ސިރިސޭނާ އަށް އެކަންތައްތައް ނުވާނެ ކަމަށް ނުވަތަ ވާނެ ކަމަށް ބަލަން އަދި މާ އަވަހެވެ.