ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ނުވަތަ މާދަމާ ފަށާނެ ކަމަށް ހައުސިން ޑެވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިންގް ޑައިރެކްޓަރު ސުހެއިލް އަހުމަދު މިއަދު 'ސަން' އަށް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ބެލްޖިއަމްގެ ޑްރެޖިން ކުންފުނިން މިއަދު ރާއްޖެ ގެނެސްފައިވާ ބޯޓު މިހާރު އޮތީ ކަސްޓަމްސް ކްލިއަރެންސްގައި ކަމަށާއި ކަސްޓަމްސް ކްލިއަރެންސް ނިމުމުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ވެސް ފަށާނެ ކަމަށެވެ.

"އެ ޑްރެޖަރު މިހާރު އޮތީ ކަސްޓަމްސް ކްލިއަރެންސްގައި، ކްލިއަރެންސް ނިމިގެން މިއަދު ވަގުތު ވެއްޖެ ނަމަ މިއަދު ވެސް މަސައްކަތް ފަށާނެ، އެހެން ނޫނީ މާދަމާ ޑްރެޖަރުގެ މަސައްކަތް ފަށާނެ،" ސުހެއިލް ވިދާޅުވި އެވެ.

ސިންގަޕޫރުން ފުރައިގެން މިއަދު ހެނދުނު ރާއްޖެ އައި "ލިއެވް އެެރިކްސަން" ނަމަކަށް ކިޔާ އެ ޑްރެޖަރަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށް އެޗްޑީސީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އަންނަ ބުރާސްފަތި ދުވަހު ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީ އިން ވަނީ ބުނެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހި ކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.