10 Jan 2015, 13:20
ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރަމުން ދިޔަ އިރު މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ކެމްޕޭން ޖަލްސާއަކަށް ތަނެއް ތައްޔާރުކުރަން އުޅުނު ބައެއްގެ ތެރެއަށް މީހަކު ބަޑިޖެހި ހާދިސާއާ ގުޅުން އޮތް ކަމުގެ ތުހުމަތަށް ކުރީގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި އެވެ.
ސްރީލަންކާ ފުލުހުންނާ ހަވާލާދީ ދަ ސަންޑޭ ޓައިމްސް ނޫހުން ބުނީ ކަހަވައްޓާގައި ހިނގި އެ ހާދިސާއާ ގުޅުން އޮތް ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ ޕްރޭމްލާލް ޖަޔަސޭކަރާ ކަމަށެވެ. އަދި ބުނީ އޭނާ ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ކަހަވައްޓާގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި ޒަހަމްވީ މީހަކު ވަނީ އެ ޒަހަމްތަކުގެ ސަބަބުން ފަހުން މަރުވެފަ އެވެ.
ސްރީލަންކާގައި ބުރާސްފަތި ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ނިމިގެން ދިޔައީ ސުލްހަވެރިކޮށެވެ. ނަމަވެސް އެ އިންތިހާބުގެ ކެމްޕޭން ކުރިއަށް ދިޔަ އިރު ބިރުދެއްކުމުގެ ހާދިސާތައް ކޮންމެވެސް ވަރަކަށް ހިނގި އެވެ. ކަހަވައްޓާގައި ސިރިސޭނާގެ ކޭމްޕަށް ބަޑިޖެހި ހާދިސާއަށް ފަހު އޭރުގެ ވެރިކަން ކުރާ ޕާޓީގެ އޮފީހަކަށް ވެސް ބަޑިން ހަމަލާދިން ކަމަށް ފުލުހުން އޭރު ބުންޏެވެ.