އެމްޓީސީސީ އިން މިދިޔަ މަހު ފެށި "ކަށަވަރު ޕްރޮމޯ"ގައި އެ އެކުންފުނިން ޑިސްކައުންޓުތަކާ އެކު ވިއްކަމުން އަންނަ އިންޖީނާއީ އެހެނިހެން ތަކެތި ދައްކާލުމުގެ މައުރަޒެއް ބާއްވައިފި އެވެ.

ހުޅަނގު ހާބަރުގައި މިއަދު ފެއްޓި މައުރަޒުގެ ޕްރޮމޯޝަން މި މަހުގެ 31ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ކުންފުނިން ވިއްކަމުން އަންނަ އިންޖީނުތަކަށް 5،000 ރުފިޔާ އިން ފެށިގެން 15،000 ރުފިޔާގެ އަދަދަކަށް ޑިސްކައުންޓް ލިބޭ އިރު އެހެން ތަކެއްޗަށް ވެސް ޑިސްކައުންޓުތަކެއް އެ ޕްރޮމޯޝަންގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީ އިން މިއަދު ބޭއްވި މައުރުޒުތެރެއިން -- ސަން ފޮޓޯ ފަޔާޒް މޫސަ

މައުރަޒުގައި ދައްކާ ތަކެތީގެ ތެރެއިން އެ ކުންފުނިން ވިއްކާ ކާސްޓްރޯލް އަޑީތެލުން ތިން ޕަސެންޓާއި ހަ ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް އެ ފްރޮމަޝްގައި ލިބޭ އިރު ސިގްމާ މެރިން ޕެއިންޓުން 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އަދި ސްޕެއާޕާޓްސް އިން ފަސް ޕަސެންޓްގެ ޑިސްކައުންޓެއް ވެސް އެ ޕްރޮމޯޝަން އިން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ޕްރޮމޯޝަންގައި 5،000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އަދި ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުމެއްގެ ނަސީބުވެރިއަކަށް 100،000 ރުފިޔާ "ކަށަވަރު ގިފްޓް ވައުޗާ"އެއް ލިބޭނެ ކަމަށް ވެސް އެމްޓީސީސީ އިން ބުންޏެވެ. އަދި އެ ވައުޗާ ލިބޭ ފަރާތަކަށް އެމްޓީސީސީ ކަށަވަރު ޝޯރޫމުން 100،000 ރުފިޔާއާ ހަމައަށް ހިލޭ ވިޔަފާރި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީ އިން މިއަދު ބޭއްވި މައުރުޒުގައި ބަހައްޓާގައި ހުރި އިންޖީނުތަކެއް މީހަކު ބަލަނީ -- ސަން ފޮޓޯ ފަޔާޒް މޫސަ

މިއަދުގެ މައުރަޒުގައި އެކުންފުނީގެ ސީނިއާ ސޭލްސް މެނޭޖަރު އަހުމަދު ފާތިހު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުނިން ވިއްކާ މުދާތައް އަތޮޅުތަކުން ވެސް ލިބޭނެ ގޮތަކަށް ވިޔަފާރި ބައްޓަން ކުރަން ކަމަށެވެ.

"އަދި ހާއްސަގޮތަކަށް މިހާރަށް ވުރެ ބޮޑަށް ރަށްރަށުން ސްޕެއާ ޕާޓްސް އާއި އަޅުގަނޑުމެން މި ވިއްކާ މުދާތައް ލިބިލައްވާ ގޮތަކަށް މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.