07 Apr 2010, 13:43
14:30
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް އައިސްފައިވާ ބަދަލުތައް ދެނެގަނެވިއްޖެ ކަމަށާއި ރާއްޖޭގެ މުސްތަގުބަލަށްޓަކާ ބައިނަލްއަގުވާމީ ފަރާތްތަކުން އެހީވެދިނުމުގެ މުހިއްމުކަން ދެނެގަތުމަށް ޔޫރަޕްގެ އިއްތިޙާދުގެ ކްލައިމެޓް އެކްޝަން ކޮމިޝަނަރ އެދިވަޑައިގެންފި އެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ކްލައިމެޓް އެކްޝަން ކޮމިޝަނަރ ކޯނީ ހެޑްގާޑް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމުގެ ކުރިން މާލޭ ބައިނަލްއަގުވާމީ ވައިގެ ބަދަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ކޯނީ ހެޑްގާޑް ދެއްކެވި ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގެ ކުރީ ސަފުގައި ރާއްޖެ ހިމެނިފައިވާއިރު، މި ހާލަތުގެ މުހިއްމުކަމާއެކު ގައުމުގެ މުސްތަގުބަލަށްޓަކާ ބައިނަލްއަގުވާމީ ފަރާތްތަކުން ވެދެވެން އޮތް އެހީއެއް ރާއްޖެއަށް ވެދިނުމަށް ބައިނަލް އަގުވާމީ ފަރާތްތަކަށް ގޮވައިލެއްވި އެވެ. އަދި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް ޔޫރަޕިއަން ޔޫނިއަނުން ދެނެގަނެ، ބައިނަލްއަގުވާމީ ފަރާތްތައް ހޭލުންތެރިވުމަށްޓަކާ ކުރަމުންދާ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކޮށްދެއްވަމުން ގެންދަވާ މަސައްކަތުގެ ސަބަބުން އެބޭފުޅުންގެ މަސައްކަތަށް ހިތްވަރެއް ލިބިގެން އަންނަ ކަމަށް ވެސް ކޯނީ ހެޑްގާޑް ވިދާޅުވި އެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އީޔޫގެ އިސް ފަރާތަކުން ރާއްޖެ ވަޑައިގެން ރާއްޖޭގެ ތިމާވެށީގެ ހާލަތު ބައްލަވައި އަދި އެ ކަންތައްތައް ހައްލުކުރުމަށްޓަކާ އެކި ގޮތް ގޮތުން އެހީތެރިވެދިނުން އެއީ އީޔޫއިން ތިމާވެށީގެ މައްސަލަތަކާ ކަންބޮޑުވާ މިންވަރު ވަޒަންކުރެވޭ ކަމެއް ކަމަށެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ކްލައިމެޓް އެކްޝަން ކޮމިޝަނަރ ކޯނީ ހެޑްގާޑު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތީ މިއަދު ހެނދުނެވެ. އެކަމަނާއަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އަލްވަދާޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެ އެވެ.