މި އަހަރުން ފެށިގެން ނައިޓް މާކެޓް ބާއްވާނީ އަހަރު އެންމެ ފަހަރަކު ކަމަށާއި މާދަމާ އިން ފެށިގެން ނައިޓް މާކެޓްގެ މޭޒުތައް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ފިޔަވާރިވެރިންގެ ޖަމިއްޔާ އިން ބުނެފި އެވެ.

އެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް މިއަދު 'ސަން' އަށް ވިދާޅުވީ މި އަހަރުން ފެށިގެން ނައިޓް މާކެޓް ބޭއްވުމަށް އެ ޖަމިއްޔާ އިން ނިންމާފައި ވަނީ އަހަރަކު އެއް ފަހަރު ކަމަށެވެ. އަދި އަހަރަކު އެއް ފަހަރު ނައިޓް މާކެޓް ބޭއްވުމުގެ ބޭނުމަކީ ނައިޓް މާކެޓްގައި ބައިވެރިވާ މީހުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެގޮތް ކަމުގައިވާތީ ކަމަށެވެ.

"ނައިޓް މާކެޓަކީ ސޭލް މާކެޓެއް، އެހެން ކަމުން ގިނަ ދުވަސް ވަންދެން ނުވިކި ހުންނަ މުދާ ވިއްކުން ބޭނުމަކީ، ނަމަވެސް އަހަރަކު އެތައް މާކެޓެއް އެގޮތަށް ބާއްވާ ނަމަ އަގުބޮޑުކޮށް މުދާ ގަނެގެން ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމުގެ ގެއްލުންވޭ. އަދި ނައިޓް މާކެޓްގެ ބައިވެރިންނަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އެގޮތަށް ކަންކުރުމުން ކަން ފާއިތުވި އަހަރުތަކުގެ ސްޓެޓިސްޓިކްސް އަށް ބަލާއިރު ވެސް ދައްކާ،" އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ މި އަހަރުގެ މާކެޓް ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައެޅިފައިނުވާ ކަމަށާއި ނަަމަވެސް ރޯދައިގެ 25 ދުވަސް ކުރިން އެ މާކެޓް ބާއްވާނެ ކަމަށެވެ. މިފަހަރުގެ މާކެޓްގައި 450 މޭޒު ބެހެއްޓުމަށް ހަމަޖައްސާފައިވާ އިރު ކޮންމެ މޭޒެއް ވެސް ވިއްކުމަށް ހަމަޖައްސާފައި ވަނީ 3900 ރުފިޔާ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާކެޓްގެ މޭޒު ގަތުމަށް އެންމެ ފުރަތަމަ ފައިސާ ދައްކާ ފަރާތަކަށް މާކެޓްގެ ބޭނުން ސަރަހައްދަކުން މޭޒު ގަތުމުގައި އިސްކަން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިޔަފާރި ވެރިންގެ ޖަމިއްޔާ އިން އަމިއްލަ އަށް އިސްނަގައިގެން އަހަރުތަކެއް ވަންދެއް ބާއްވަމުން އައި އެ ނައިޓް މާކެޓް ފާއިތުވި ދެ އަހަރު ބާއްވާފައި ވަނީ މާލެ ސިޓީ ކައުންސިލުން އެ މާކެޓް ބޭއްވުމަށް ހުއްދަ ދީފައިވާ ގޯމީޑިއާ އިންނެވެ. ނަމަވެސް އެ ހުއްދަ ދިނުމުގެ ކަންތައްތައް އިކޮނިމިކް މިނިސްޓްރީ އިން އަލުން ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާއާ ހަވާލުކޮށްފަ އެވެ.

ގޯމީޑިއާ އިން އެ މާކެޓް ކުރިން ބާއްވަމުން އައިސްފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ސްކޫލް ބަންދާއި އަދި ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށެވެ.