ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ބަލިވެވަޑައިގެންނެވުމުން އޭނާގެ ސަރުކާރުގެ އިސް ބައެއް ވެރިން ފިލައިގެން ރާއްޖެ އަށް އައިސްފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ފެތުރި ހަބަރު ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލަންކާގެ ރިޔާސީ އިންތިހާބަށް ފަހު އެގައުމުގެ ކުރީގެ ސަރުކާރުގެ އިސް އެއްވެސް އޮފިޝަލަކު ރާއްޖެ އަށް ވަޑައިގެންފައި ނުވާ ކަމަށެވެ.

"...ޖެނުއަރީމަހުގެ އަށް ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ސްރީލަންކާގެ ކުރީގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ދިވެހިރާއްޖެ އަށް ފިއްލަވާފައިވާ ކަމަށް ކޮލަމްބޯ އިން [ފަތުރާފައިވާ] ރިޕޯޓްތައް ދިވެހި ސަރުކާރުން ދޮގުކުރެ އެވެ. ސްރީލަންކާގެ ކުރީގެ ސަރުކާރުގެ އިސް އެއްވެސް އޮފިޝަލަކު ރިޔާސީ އިންތިހާބަށް ފަހު ދިވެހިރާއްޖެ އަށް ދަތުރުކުރައްވާފައި ނުވާކަން ދިވެހި ސަރުކާރުން ކަށަވަރުކޮށްދެ އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިންތިހާބުގައި ރާޖަޕަކްސާއަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު އޭނާގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި، ކޮށްކޯފުޅު ގޮތަބަޔާ ރާޖަޕަކްސާ ފިއްލަވަން ރާއްޖެ އަށް ވަޑައިގެންފައިވާ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން އިއްޔެ ހަބަރު ފެތުރި އެވެ.