10 Jan 2015, 12:30
ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 300 ކުދިން ހިމެނޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮމިޝަނަރު ވިދާޅުވީ މިދިޔަ އަހަރު އެކި ކުށްކުށުގެ ތުހުމަތުގައި 6،900 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި 18 އަހަރުން ދަށުގެ 300 ކުދިން ހިމެނޭކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
"18 އަހަރުން ދަށުގެ ކުދިން ކުށުގެ ވެށީގައި އުޅުމަކީ އަޅުގަނޑުމެން އެންމެން ހިތާމަ ކުރަންޖެހޭ ކަމެއް. މިކަންކަން ހައްލު ކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދިނުމަށް މިފުރުސަތުގައި ދިވެހިރައްޔިތުންނަށް އަޅުގަނޑު ގޮވާލަން،" ހުސައިން ވަހީދު ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ މިދިޔަ އަހަރު 18،193 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާއިރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން ވައްކަމުގެ 50،80 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
މިދިޔަ އަހަރު ހުށަހެޅުނީ ފޭރުމުގެ 620 މައްސަލަ ކަމަށާއި ވައްކަމާއި ފޭރުގެ މައްސަލަތައް އޭގެކުރީ އަހަރުތަކާ އަޅާބަލާއިރު ހުށަހެޅުނު މިންވަރު މަދުކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
މާރާމާރީގެ 1062 މައްސަލަ މިދިޔަ އަހަރު ހުށަހެޅިފައިވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ތިން މައްސަލަ ހުށަހެޅުނު ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި އޭގެތެރެއިން 70 ޕަސެންޓް މައްސަލައަކީ ދޭދޭ މީހުންގެ ދެމެދުގައި ހިނގާފައި ހުރި މައްސަލަތައް ކަމަށާއި މިދިޔަ އަހަރު ހުށަހެޅުނު މާރާމާރީގެ މައްސަލަތަކުގެ ތެރޭގައި އާއިލީ މައްސަލަތައް ވެސް ހިމެނޭ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ މަސްތުވާތަކެތީގެ 3140 މައްސަލަ މިދިޔަ އަހަރު ހުށަހެޅިފައިވާއިރު އޭގެތެރެއިން ގާގްގަނޑަކަށް 1181 މައްސަލަ އަކީ އަތޮޅުތެރެއިން ހުށަހެޅިފައިވާ މައްސަލަތައް ކަމަށެވެ. އަދި މިދިޔަ އަހަރު 300 މިލިއަނެއްހާ މަގުމަތީ އަގުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
މިދިޔަ އަހަރު ޖުމްލަ 25،476 މައްސަލަ ބަލައި ނިންމާފައިވާއިރު، އޭގެތެރޭގައި ދައުވާ ކުރެވޭ ވަރަށްހެކި ނެތުމުން ފައިލް ކުރި މައްސަލަތައް ވެސް ހިމެނޭ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީއަތް އަވަސްކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކި މައްސަލަތަކުގައި 2584 ފުލުހުން ކޯޓުގައި ހެކިބަސްދީފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ މިދިޔަ އަހަރު އެންމެ ގިނަ މީހުން ހައްޔަރު ކުރެވިފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށެވެ. އަދި އެންމެ ގިނައިން ހައްޔަރު ކުރެވުނީ 18 އަހަރާއި 26 އަހަރާ ދެމެދުގެ އުމުރުފުރާތަކުގެ މީހުން ކަމަށް ވެސް ވިދާޅުވިއެވެ.