10 Jan 2015, 12:24
ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެނބުރި ރާއްޖެ ވަޑައިގެން މިނިސްޓްރީއާ ހަވާލުވެ ވަޑައިގެންފި އެވެ.
ޑިފެންސް މިނިސްޓަރު ނާޒިމު އިއްޔެ ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އުފާވެރި ޗުއްޓީއަކަށް ފަހު މާލެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގެންފައިވާ ކަމަށެވެ.
Back in#Male' after a great vacation enjoying with family. Resumed all duties assigned by the President
— Mohamed Nazim (@nazim7878)January 9, 2015
މިނިސްޓަރު ނާޒިމްގެ އިންޓަވިއުއެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ނާޒިމް މިނިސްޓްރީއާ އަލުން ހަވާލުވެ ވަޑައިގެންނެވީތޯ ސުވާލުކުރުމުން ރައީސްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި އެވެ.
މިނިސްޓަރު ނާޒިމް އަމިއްލަ ދަތުރުފުޅެއްގައި މިމަހު ކުރީ ކޮޅު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުން ޑިފެންސް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރައްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ އެވެ. އަދި ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ހަވާލުކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުއާ އެވެ.
ޑިފެންސް މިނިސްޓަރު ނާޒިމް އަކީ ޑިފެންސް މިނިސްޓްރީގެ އިތުރުން ހެލްތް މިނިސްޓުރީ ވެސް ހިންގެވުމާ ހަވާލުވަޑައިގެން ހުންނެވި ބޭފުޅާ އެވެ. އޭވިއޭޝަން ސެކިއުރިޓީގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ވެސް ހިންގަމުންދަނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ.
ޑިފެންސް މިނިސްޓަރު ރަށުގައި ނޫޅުއްވާ ދުވަސްވަރު އެމިނިސްޓުރީ ހިންގެވުން މިނިސްޓަރު އަދީބާ ހަވާލު ކުރައްވާފައިވާއިރު އެއް މިނިސްޓަރަކު ރަށުން ބޭރަށް ވަޑައިގަންނަވާއިރު އެ މިނިސްޓުރީއެއް އެހެން މިނިސްޓަރަކާ ހަވާލު ކުރެއްވުމަކީ ސަރުކާރުގެ ޕޮލިސީގެ ތެރެއިން އާންމުކޮށް ހިނގަމުންދާ ކަމެކެވެ.