ލަންކާގައި ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބަށް ފަހު އަލަށް އިންތިހާބުވި ސަރުކާރުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ އާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު "ސަން" އަށް ވިދާޅުވީ ލަންކާގެ އާ ސަރުކާރަށް މަރުހަބާ ދެންނެވި އެންމެ ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށެވެ. އަދި އެކަމުން ދައްކުވައި ދެނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ ގާތްގުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ވަފުދަކީ ލަންކާގެ އާ ސަރުކާރަށް ފޮރިން ގައުމުތަކުގެ ތެރެއިން މަރުހަބާ ދެންނެވި އެންމެ ފުރަތަމަ ގައުމު. އަދި އެކަމުން ދޭހަކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން." މުއާޒު ވިދާޅުވި އެވެ.

އިތުރަށް މުއާޒު ވިދާޅުވީ ލަންކާގެ އާ ބޮޑުވަޒީރާ މިއަދު ކުރެއްވި ބައްދަކުރެއްވުމުގައި ރައީސް ޔާމީން ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަށް ރާއްޖެ ވަޑައިގަތުމަށް ރަސްމީކޮށް ދައުވަތު އެރުވި ކަމަށެވެ. ހަމައެއާ އެކު ރައީސް ޔާމީން އަށް ފަސޭހަފުޅު ވަގުތެއްގައި ލަންކާ އަށް ވަޑައިގަތުމަށް ލަންކާ ސަރުކާރުން ދައުވަތު ދެއްވާފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

"މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން އަށް ލަންކާގެ ސަރުކާރުން ވަނީ އެގައުމަށް ވަޑައިގަތުމަށް އެދި ދައުވަތު އަރުވާފައި. އަދި ލަންކާ ސަރުކާރުން ބޭނުންފުޅު ވަނީ ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ލަންކާ އަށް ވަޑައިގަންނަވާ ބޭރުގެ ރައީސް އަކަށް ވުން." މުއާޒު ވިދާޅުވި އެވެ.