ލޮލުގެ ބަލިތަކަށް ހިލޭ ފަރުވާ ދިނުމަށް "މަހަލްދީބް ފީމާ ސޭވް ވިޝަން"ގެ ނަމުގައި ހުޅުމާލޭގައި މި މަހުގެ 4 ން 8 އަށް ކުރިއަށް ގެންދިޔަ އައިކޭޕް ކޭމްޕު ނިންމާލައިފި އެވެ.

ހެލްތު މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މި ކޭމްޕުގައި ޖުމުލަ 888 މީހަކު ވަނީ ފަރުވާ ހޯދައިފައި އެވެ. އޭގެ ތެރެއިން 36 މީހެއްގެ ލޮލުގެ އެކި ކަހަލަ އޮޕަރޭޝަންތައް ކޮށްފައިވާ އިރު 316 މީހަކަށް އައިނު ނަންބަރު ނަގާދީފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

އައި ކޭމްޕު ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ ސިއްހީ ނިޒާމުގެ ކުރިއެރުމަށް ކުރާ ކަންތައްތަކަށް އަބަދު ވެސް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ވެސް އެފަދަ ކޭޕްތަކެއް ރާއްޖޭގައި ބޭއްވިގެން ދިޔަ ކަމަށާއި އެ ކޭޕްތައް ފަދައިން މިއަދު ފެއްޓިގެން ދިޔަ ކޭމްޕަކީ ވެސް ކާމިޔާބު ކޭމްޕަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އައި ކޭމްޕުގައި ފަރުވާ ދިނުމަށް ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނުގެ ލޮލުގެ ބަލިތަކާ ގުޅޭ ތަޖުރިބާކާރު ސުޕެޝަލިސްޓުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ކޭމްޕުގެ ފަރާތުން ބަލި މީހުންނަށް ބޭސް ވެސް ދޫކޮށްފައި ވަނީ ހިލޭ ކަމަށެވެ.