ބަލިކަށި ވަމުން އަންނަ އިސްލާމީ އުއްމަތުގެ ބިންގާ ވަރުގަދަ ކުރެވޭނީ ތަފާތު ދާއިރާތަކުން ގިނަ ޒުވާނުން ތައުލީމު ހާސިލް ކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

އަންނަ އާދީއްތަ ދުވަހު ފަށައި ދިރާސީ އާ އަހަރަށް އަލިއަޅުވާލައި މިއަދު މުޅި ރާއްޖޭގައި ވެސް އިއްވި ހުކުރު ހުތުބާގައި ބުނީ، އިލްމު ހޯދުމަކީ އިސްލާމް ދީނުގައި ފަރުޟެއް ކަމަށާއި އިލްމުގެ އަހުލުވެރިންގެ މަގާމު މަތިވެރި ކުރައްވާ އެބައިމީހުންނަށް މަދަހައިގެ ބަސް މާތްﷲ އިއްވަވާފައިވާ ކަމަށެވެ. އަދި ތައުލީމް ހާސިލްކުރުމަށް އިސްލާމްދީން ނުހަނު ބާރުއަޅުއްވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ނަމަވެސް މިއަދު އިސްލާމީ އުއްމަތުގެ އިލްމުގެ ބިންގާ ވަރު ގަދަން ކުރަންޖެހިފައިވާ ކަމަށް ފާހަގަކުރައްވާ ހުތުބާގައި ބުނެފައިވަނީ، ހަޟާރަތެއް ބިނާކުރެވެން އޮތީ ތަފާތު ދާއިރާތަކުން ތައުލީމް ހާސިލްކޮށްގެން ކަމަށެވެ. އަދި އުއްމަތް ސަލާމަތްވާން އޮތީ ޒުވާނުން ތައުލީމް ހާސިލް ކޮށްގެން ކަމަށް ބުނެފައިވެ އެވެ.

"މިއަދު އަޅުނގަޑުމެންގެ އުއްމަތް މިވަނީ އިލްމުގެ ބިންގާ އަލުން ވަރުގަދަން ކުރަންޖެހިފައ. އުއްމަތުގެ ހަޒާރަތުގެ ފޭރާން އަލުން މިވަނީ ވިޔަންޖެހިފަ. އިސްތިއުމާރުގެ ވަކިތަކުގައި ޖެހި މުޅި އުއްމަތް ވަނީ ފުޑުފުޑުވެ ކުދިކުދިވާން ފަށާފަ. ދެބަސްވުންތަކާ އަރާރުމާ ލޭ އޮހޮރުވުން ވަނީ އުއްމަތުގެ ކަންކޮޅުގައި އަށަގަނެފަ. މިކަމުން އުއްމަތް ސަލާމަތްވާން އޮތީ އިލްމު އުނގެނިގެން، ތަފާތު ދާއިރާތަކުން ޒުވާނުން ތައުލީމު ހާސިލްކޮށްގެން،" ހިތާބުގައި ބުނެފައިވެ އެވެ.

ދަރިވަރުންނަށް އިޝާރާތްކުރައްވާ ހުތުބާގައިވަނީ، އިހުލާސްތެރިކަމާއެކު ގަދައަޅައި މަސައްކަތްކުރުމަށާއި ހިތްވަރާ އާ އަހަރާ ކުރިމަތިލުމަށް ނަސޭހަތްތެރި ވެފައެވެ. އަދި ކުރީ އަހަރަށްވުރެ ނަތީޖާ ރަނގަޅު ކުރުމަށް ގަދައަޅާ މަސައްކަތްކުރުމަށާއި މައިންބަފައިންގެ ބަސް ގަބޫލުކޮށް މުދައްރިސުންނަށް އިހުތިރާމް ކުރުމަށް ވެސް ނަސޭހަތްތެރިވެފައިވެ އެވެ.

މީގެ އިތުރުން، ވަގުތު ނަގާނުލުމަށާއި ޖަމާއަތުގައި ނަމާދުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރުމަށް ވެސް ދަރިވަރުންނަށް ގޮވާލާފައިވެ އެވެ.

މުދައްރިސުންނަކީ މިގައުމުގެ ފަހުރު ކަމަށް ފާހަގަކުރައްވާ ހުތުބާގައި ބުނެފައިވަނީ ޓީޗަރުންނަކީ އިލްމުގެ މަތިވެރި އަމާނާތް އުފުއްލަވަމުންދާ ޝަރަފްވެރިން ކަމަށެވެ. އަދި ދަރިވަރުންނަށް އޯގާތެރިވެ ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވުމަށް ޓީޗަރުންނަށް ނަސޭހަތްތެރިވެފައެވެ.

"ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވެލައްވާ. ޓީޗަރުންނަށް ހަވާލުރެވިފައިވާ އަމާނާތް އިހުލާސްތެރިކަމާއެކު ހެޔޮ ގޮތުގައި އަދާކުރައްވާ. އޭރުން އެ މަސައްކަތުގައި މާތްފﷲ ބަރަކާތްލައްވާނެ،" ހުތުބާގައި ބުނެފައިވެ އެވެ.

ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި ޕްރީ ސްކޫލް މަރުހަލާ އާއި ސާނަވީ މަރުހަލާއަކީ މުހިއްމު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

"އިސްލާމީ ތަރުބިއްޔަތުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ޕްރީ ސްކޫލް މަރުހަލާގައި އިސްކަންދޭންޖެހޭނީ އިންސާނާގެ ހަށިގަނޑާ ގުނަވަންތައް އުފެދިފައިވާ ފުރިހަމަކަމުގެ މައްޗަށް އެކުދިންގެ ސަމާލުކަން ހޯދައިގަތުމަށް. އަދި ވަށައިގެންވާ ތަންތަނާ ކަންތައްތަކާ އިރާ ހަނދާ ތަރިތަކާ ޖަނަވާރުތަކާ ކައުނުގެ އެހެނިހެން ކަންތައްކުގެ ވާހަކަ އެކުދިންގެ ވިސްނުމުގެ ފެންވަރާ ގުޅޭގޮތުން އަންގައިދެވިދާނެ. އަދި ދުނިޔެއާއި ދުނިޔޭގައިވާ ތަކެތި ހެއްދެވީ މާތްﷲ ކަން އަންގައިދޭ ކައުނީ ދަލީލުތައް އެކުދިންގެ ފެންވަރާ ގުޅޭގޮތުން ހާމަކޮށްދިނުމަށް އިސްކަންދޭންޖެހޭ،" ހުތުބާގައި ބުނެފައިވެ އެވެ.

ސާނަވީ މަރުހަލާއަކީ ދުނިޔެއާއި ދިރިއުޅުމުގައި ފެންނަ ކަންތައްތައްތަކާއި މަންޒަރުތަކާމެދު ދަރިވަރުން ވިސްނާ ފިކުރު ކުރަން ފަށާ ދުވަސްވަރުކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"ދެވަނަ މަރުހަލާގައި މުހިއްމުކަން ދޭންވީ ދުނިޔެ އުފެދުނުގޮތާ ދުނިޔޭގެ އެކިއެކިކަންތައްތަކާ ބެހޭގޮތުން އެކުދިންގެ ހިތުގައި އުފެދޭ ސުވާލުތަކަށް އެކުދިން ހިތްހަމަޖެހޭފަދަ ހަރުދަނާ ޖަވާބުތަކެއް ހޯދައިދެވޭތޯ. އިލްމުވެރިން ވިދާޅުވަނީ އެކުދިންގެ ބަތަލުންގެ ގޮތުގައި ގެންގުޅޭ ގައިރު މުސްލިމުނާ މުސްލިމުންނާދެމެދު ހުރި ތަފާތު ބަޔާންކޮށްދޭންޖެހޭ. އަދި އިސްލާމީ ތާރީހުގައި ފާހަގަކޮށްލެވޭ ޒުވާން އަބުތޯލުންގެ ވާހަކަ ކިޔައިދީ، އެބޭފުޅުން ކުރައްވާފައިވާ މަތިވެރި ޖިހާދާއި ހިތްވަރުފުޅު ގަދަ ކަމާއި ހޯއްދަވާފައިވާ ކާމިޔާބީތައް ބަޔާންކޮށްދިނުން މުހިއްމު،" ހުތުބާގައި ބުނެފައިވެ އެވެ.