10 Jan 2015, 10:33
އިންސާނީ ހައްގުތަކަށް އިސްކަމެއް ދިނުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ސްރީލަންކާގެ އާ ސަރުކާރަށް ގޮވާލައިފި އެވެ.
ސްރީލަންކާގެ އާ ރައީސް މައިތިރިޕާލާ ސިރިސޭނާ އެގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައިގެންނެވުމުން އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުން އަޅައި ނުލައި ދޫކޮށްލާފައިވާ އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް އާ ސަރުކާރުން އަވަހަށް ރިއާޔަތްކުރަން ވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ އާ ޒަމާނަކަށް މަގުދެއްކުމުގެ ފުރުސަތު އާ ސަރުކާރަށް ލިބިފައިވާ ކަމަށެވެ.
"... ހަގީގަތުގައި ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ އާ ޒަމާނަކަށް މަގު ދެއްކުމުގެ ފުރުސަތު އާ ސަރުކާރަށް މިހާރު ވަނީ ލިބިފަ އެވެ. އެއީ ނަގައި ނުލަން މަޖުބޫރު ފުރުސަތެކެވެ،" ބަޔާނުގައިވެ އެވެ.
އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް ރިއާޔަތްކޮށް ލަންކާ ސަރުކާރުން އަޅަން ފެންނަ ފިޔަވަޅުތަކެއް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އިންސާނީ ހައްގުތަކާއި ޝަރުއީ ނިޒާމުގެ މައްޗަށް ރައީސްގެ ބާރު ހިންގޭ ގޮތަށް ސްރީލަންކާގެ ގާނޫނު އަސާސީއަށް ގެނެސްފައިވާ 18 ވަނަ އިސްލާހާ އުވާލުން ހިމެނެ އެވެ. ފާހަގަކޮށްފައިވާ އަނެއް ކަމަކީ މީހުންގެ އިންސާނީ ހައްގުތައް ނަގައިލުމުގެ ފުރުސަތު ސަލާމަތީ ބާރުތަކަށް ލިބޭ ގޮތަށް ފާސްކޮށްފައިވާ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނު އިސްލާހު ކުރުމެވެ. އޭގެ އިތުރުން ވެސް އަޅަން ފެންނަ ބައެއް ފިޔަވަޅުތައް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ސްރީލަންކާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ނިމިގެން ދިޔައީ ސުލްހަވެރިކޮށް ކަން އެމްނެސްޓީން ވަނީ ފާހަގަކޮށްފަ އެވެ.
ލަންކާގެ އިންތިހާބު ކާމިޔާބުކުރައްވައި ރައީސް ކަމަށް ވަޑައިގެންނެވި މައިތިރިޕާލާ ސިރިސޭނާ އޭނާގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައި ވަނީ އެގައުމުގައި ހުރި އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ.