10 Jan 2015, 10:19
ހުޅުމާލޭ ކުނިގޮނޑު ސަރަހައްދު ވަލުތެރޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް)ގެ ސިފައިން ނިއްވާލައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.
އެމްއެންޑީއެފް އިން ބުނީ ހުޅުމާލެ ކުނިގޮނޑު ސަރަހައްދުގައި ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައި ވަނީ ރޭ ދަންވަރު 3:20 އެހާކަންހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލެ ކުނި ގޮނޑު ސަރަހައްދުގައި އަލިފާން ރޯވިކަން ރިޕޯޓުކޮށްފައި ވަނީ ރޭ 21:30 އެހާކަންހާއިރު ކަމަށެވެ. އަދި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުމާ އެކު ހުޅުމާލޭ ފަޔަ ސްޓޭޝަންގެ ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްޑީއެފް އިން ބުންޏެވެ.
އިތުރަށް އެމްއެންޑީއެފް އިން ބުނީ ވަލުތެރޭގައި ހުރި ހިކި ކުނިތަކެއްގައި ރޯވި އެ އަލިފާންގަނޑު ފެތުރިގެން ގޮސް އެސަރަހައްދުގައި ހުރި ބައެއް ގަސްތަކުގައި ވެސް ހުޅުހިފާފައިވާ ކަމަށެވެ.
ހުޅުމާލޭ ކުނިގޮނޑު ސަރަހައްދުގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ "ސަން" އާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އަލިފާން ރޯވީ ހުޅުމާލެ ނިރޮޅުމަގުގެ އިރުމަތި ފަރާތުގައި ހުރި ގަސްތަކެއްގައި ކަމަށާއި އަދި އެ ސަރަހައްދަކީ ކުނިގޮނޑު ހުންނަ ސަރަހައްދު ކަމަށެވެ.