ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ބޯޓު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެޗްޑީސީގެ މެނޭޖިންގް ޑައިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ސަން އަށް ވިދާޅުވީ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނުުގެ ވައްގުތެއްގައި ކަމަށާއި ބޯޓަކީ އެއްފަހަރާ 40000 އަށް ވުރެ ގިނަ ކިއުބިކް ޓަނުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެއް ކަމަށެވެ.

"އެ ބޯޓަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރުމަށް ބެލްޖިއަމްގެ ޑްރެޖިން ކުންފުނިން ގެނެސްފައިވާ ބޯޓެއް،" ސުހެއިލް ވިދާޅުވި އެވެ.

މި "ލިއެވް އެެރިކްސަން" ނަމަކަށް ކިޔާ މި ބޯޓު ރާއްޖެ އައިސްފައި ވަނީ ސިންގަޕޫރުން ފުރައިގެންނެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީ އިން ވަނީ ބުނެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހި ކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.