ގަވާއިދާ ހިލާފަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފާއި ހައުސިން މިނިސްޓްރީގެ އިތުރުން އެސްޓީއޯ ގުޅިގެން މިއަދު ފަށައިފި އެވެ.

އެ މަސައްކަތުގެ ދަށުން މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތަކާއި ގިނަ ދުވަސްވެ، ބާވެފައި ހުރި ވެހިކަލްތައް ނަގާނެ ކަމަށް ފުލުހުން ބުންޏެވެ.

އެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ހެނދުނު ފުލުހުންގެ ޓޯޔާޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރެފިކް ޕޮލިސްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ މީގެ ކުރިން ވެސް ފުލުހުން އެގޮތަށް ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ގިނަވެ ރަޖިސްޓަރީ ނުކުރާ ވެހިކަލްތައް މާލޭގެ ޒޯންތަކަށް އުކާލެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތުގެ ދަށުން ރަޖިސްޓްރީ ބޯޑު ނުޖަހައި ހުރި ވެހިކަލްތައް ނަގަމުން ގެންދާނެ ކަމަށެވެ. އެގޮތުން ބޯޑު ނުޖަހައި ހުންނަ ނަމަ އެ ބަލާނީ "ބާދަގަނޑު" ގޮތުގައި ކަމަށާއި އެފަދަ ވެހިކަލްތައް ގެންދާނީ ތިލަފުށްޓަށް ކަމަށެވެ.

އެ މަސައްކަތުގެ ދަށުން ނަގާ އެ ނޫން އުޅަނދުތައް ގެންދާނީ ގާފުއްޓާއި ތައިސޭކޮށްޓަށް ކަމަށް ފުލުހުން ބުންޏެވެ. އެއަށް ފަހު ފުލުހުން އިއުލާނުކުރާ މުއްދަތެއްގައި އެފަދަ ވެހިކަލްތައް ގަވާއިދަށް ފެއްތުމުން ވެރިފަރާތަށް އުޅަނދު އަނބުރާ ލިބޭނެ ކަމަށް ހެޑް އޮފް ޓްރެފިކް ޕޮލިސް މުހައްމަދު ދާއޫދު ވިދަޅުވި އެވެ.

ވެހިކަލްތައް ގަވާއިދަށް ފެއްތުމަށް ދޭ މުއްދަތުގައި އެކަން ނުކޮށްފިނަމަ އެފަދަ ވެހިކަލްތައް ފުލުހުން ނައްތާލާނެއެވެ. އެގޮތުން މިދިޔަ އަހަރުވެސް ވަނީ ގިނަ ވެހިކަލްތަކެއް ނައްތާލާފައެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮމިޝަނަރު ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފުވުމުގެ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ވެހިކަލްތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ ހަ އުޅަނދަކާއި 147 ސައިކަލާއި 555 ބައިސްކަލް ނައްތާލާފައިވާކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން މަގުމަތީގައި ބަހައްޓާފައި ހުރި ފޮށިފަޅިތަކާއި ބާ ވެހިކަލް ތަކާއި އެނޫވެސް ސާމާނު މަގުމަތިން ނަގައި މަގުމަތި ސާފުކުރުމުގެ މަސައްކަތް ވެސް މިދިޔަ އަހަރު ފުލުހުން ކޮށްފައިވާނެ ކަމަށެވެ.