ރިޔާޟް (ޖަނަވަރީ 10) : އިސްލާމްދީނަށް އިހާނާތް ކުރުމުގެ ޖަރީމާގެ ކުށް ސާބިތުވި ސައޫދީ ރައްޔިތެއް ކަމަށްވާ ރާއިފް ބަދަވީ އެއްހާސް އެތިފަހަރުން ތަޢްޒީރު ކުރުމަށް އެގައުމުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.

ސައޫދީ ލެބަރަލްސް އިންގެ ނަމުގައި އުފައްދައި ހިންގާ ސައިޓެއްގައި ރާއިފް ބަދަވީ ވަނީ އެތަށް ފަހަރެއްގެ މަތިން އިސްލާމް ދީނަށާއި އެދީނުގެ ޝަރީއަތަށް އިހާނާތްކޮށް މަލާމާތް ކޮށްފަ އެވެ. މިމައްސަލާގައި ސަޢޫދީ ކޯޓުން ކުރި ޙުކުމްގައި ރާއިފް ބަދަވީ އެއްހާސް އެތިފަހަރުން ތަޢްޒީރު ކުރުމުގެ އިތުރުން 15 އަހަރަށް ޖަލަށް ލުމަށާއި އެއް މިލިޔަން ރިޔާލް އިން ޖޫރިމަނާ ކުރުންވެސް ހިމެނެ އެވެ. އެއްހާސް އެތިފަހަރުން ތަޢްޒީރު ކުރުމުގެ ޙުކުމް ތަންފީޒުކުރާނީ ހަފްތާތަކަށް ބަހާލައިގެން ކަމަށް ސައޫދީ ދާޚިލީ ވުޒާރާއިން ބުނެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މިޙުކުމާ ގުޅިގެން ސައޫދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި އެމެރިކާ އިން ވަނީ މިއީ "ވަޙުޝީ" ހުކުމެއް ކަމަށްބުނެ އިސްލާމް ދީނާއި އެދީނުގެ ޙުކުމްތަކަށް ފާޑުކިޔުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ލިބިގެންވާ ހައްގެއް ކަމަށް ސިފަކޮށްފައެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން ޖީން ސެކީ ވަނީ މިހުުކުމް އުވާލުމަށާއި ރާއިފް ބަދަވީގެ މައްޗަށް ރަޙުމް ކުރުމަށް ސައުދީ ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.

އެމެރިކާގެ ޚާރިޖިއްޔާ އިން މިމޭރުމުން ވާހަކަ ދައްކާއިރު އެމެރިކާއަކީ ފެނުގައި ގަންބައި ހިފަހައްޓައި ހާސްކޮށްގެން މީހުންނަށް އަނިޔާކުރުން ފަދަ ލާއިންސާނީ ޖަރީމާތައް ޖަލުުތަކުގައި ހިންގާފައިވާ ގައުމެކެވެ.

ބަދަވީ އަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އިތުުރުން މުރްތައްދު ވީކަމުގެ ތުހުމަތު ވެސް ކުރެވިފައިވާ ހުޅަނގުގެ ލާދީނީ ހަރުކަށި ފިކުރުގެ މީހެކެވެ. ނަމަވެސް މުރްތައްދުވީ ކަމުގެ ތުހުމަތު ކޯޓުން އޭނާގެ މައްޗަށް ސާބިތު ކުރެވިފައެއް ނުވެ އެވެ. މުރްތައްދުވާ މީހުންނަށް އިސްލާމީ ޝަރީޢަތާ އެއްގޮތަށް ސައޫދީގައި ދޭ އަދަބަކީ މަރުގެ އަދަބެވެ.
އެމްނެސްޓީ އިން ވަނީ ރާއިފް ބަދަވީގެ މައްސަލާގައި ސަައޫދީ އަރަބިޔާ އިން ބައިނަލްއަގްވާމީ ގާނޫނާ ޚިލާފުވެފައިވާ ކަަމަށް ބުނެފަ އެވެ. ސައުދީ ސަރުކާރުން ވަނީ ބަދަވީގެ މައްސަލާގައި އެއްވެސް ފަރާތަކުން ކުރިމަތިކުރާ ފިއްތުންތަކަކަށް ބޯ ނުލަނބާނެކަމަށް ބުނެފަ އެވެ. (ބީބީސީ)