09 Jan 2015, 23:48
އެޑިއުކޭޝަން މިނިސްޓްރީގައި ސިޔާސީ މީހުން ގިނަވުމުން އެ މިނިސްޓްރީ ވަނީ ފެއިލްވެފައި ކަމަށް އެމްޑީޕީން ބުނެފި އެވެ.
ޕީޕީއެމް ސަރުކާރުގެ ފުރަތަމަ އަހަރު އެޑިއުކޭޝަން މިނިސްޓްރީ ހިންގާފައިވާ ގޮތް ބަޔާންކޮށް އެމްޑީޕީގެ ތައުލީމާ ތަމްރީނާ ބެހޭ ކޮމިޓީން މިރޭ މާލޭ ސިޓީ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ 2014 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީ ހިންގާފައި ވަނީ ލިޔެވި އާންމު ކުރެވިފައިވާ ޕްލޭނެއް ނެތި ކަމަށެވެ. އަދި މިނިސްޓްރީގެ މަސައްކަތްތައް ކުރަމުން ދިޔަ ކަމަށް ފެނުނީ ސިޔާސީ ބައިވަރު މީހުން ތިބެގެން، ހުރިހާ ބާރެއް މިނިސްޓްރީއަށް ޖަމާކުރަމުން ދިޔަތަން ކަމަށްވެސް އެމްޑީޕީން ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ ރިޕޯޓުގައި ބުނެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން އެފަހަރަކު ހިތަށްއެރިކަމެއް ކުރަމުން ދިޔަ ކަމަށާއި، މެނިފެސްޓޯ ތަންފީޒުކުރުމަށް ކަމަށްބުނެ އެ މިނިސްޓްރީން ކޮށްފައިވާ ކަންތައްތަކަކީ، މީޑިއާއަށް ސުރުހީ ދިނުމަށް ކޮށްފައިވާ ކަންކަން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ނިމިގެންދިޔަ 2014 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ރަގަޅުކަން ފާހަގަކޮށް، އެ ރިޕޯޓުގައި ބުނެފައިވަނީ ނަތީޖާ ރަގަޅުކަން ދެއްކުމަށްޓަކައި، ގްރޭޑް 10ގެ އެތައްކުދިންނެއް އޯލެވެލް އިމްތިހާނުގައި ބައިވެރިނުކުރާ ކަމަށެވެ. އަދި ތައުލީމީ ދާއިރާ ހިންގަމުން ދިޔައީ ރަނގަޅަށް ނޫންކަން އެދާއިރާގެ މީހުންވެސް ފާހަގަކޮށްފައި ވާކަމަށް އެމްޑީޕީން ބުންޏެވެ.
ޓީޗަރުންގެ މުސާރައަށް ބަދަލު ގެންނާނެ ކަމަށް ރައީސް ޔާމިން ވިދާޅުވެފައި ވާތީ، އެކަމަށް އިޝާރާތްކުރައްވައި އެމްޑީޕީން ބުނީ މުސާރަ ބޮޑު ކުރާނެ ކަމަށް ބުނި ނަމަވެސް ބޮޑުކުރަނީ ކިހާވަރެއްކަން ނާންގައި އެއްރުފިޔާ ދެރުފިޔާވެސް ބޮޑުކޮށްފާނެ ކަމަށެވެ.
ޓީޗަރުންގެ މުސާރައާ ގުޅޭ ގޮތުން އެމްޑީޕީގެ ރިޕޯޓުގައި މިފަދަ ގޮތަކަށް ބުނެފައިވީ ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން މިރޭ ވަނީ، ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 11،000 އަށް ވުރެ ގިނަ ރުފިޔާ އަދި މާސްޓާސް ފެންވަރުގެ ޓީޗަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 16،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭ ގޮތަށް ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވާލައި އާންމުކޮށްފައެވެ.
އެމްޑީޕީން މިރޭ ނެރުނު ރިޕޯޓުގައި އެޕާޓީގެ ސަރުކާރެއްގައި ނަމަ އެޑިއުކޭޝަން މިނިސްޓްރީން ކުރާނެ ކަންކަން ވަނީ ހިމަނާފަ އެވެ. އަދި ޕީޕީއެމްގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން މެނިފެސްޓޯގައި ހިމެނި ކަންކަން ވެސް އެއް އަހަރު ވީއިރު ފުރިހަމަ ނުވާކަމަށް ބުނެ އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.