09 Jan 2015, 22:01
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށާއި މުސްލިމުންނަށް ފުރައްސާރަކޮށް ކާޓޫނު ކުރަހަމުން އައި ޗާލީ ހެބްޑޫ ނޫހަށް ހަމަލާދިންކަމަށް ތުހުމަތު ކުރެވޭ ދެމީހުންނަށް ފްރާންސްގެ ފުލުހުން ހަމަލާދީ މަރާލައިފި އެވެ.
ޗާލްސް ޑި ގާލޭ ނަމަކަށް ކިޔާ އެއާޕޯޓުގެ ކައިރީގައިވާ ފެކްޓްރީއެއްގައި މީހަކު ރަހީނުކޮށްގެން ތިބި އެ ދެމީހުން މަރައި ލެވުނީ އެ ދެމީހުން ފުލުހުންނަށް ހަމަލާ ދިނުމަށް ނުކުތުމުން ކަމަށް އޭޕީ ބުންޏެވެ. އަދި ބުނީ އެ ދެމީހުންގެ އަތްދަށުގައި ރަހީނުވެފައި ހުރި މީހާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
ޗާލީ ހެބްޑޫ ނޫހަށް މިދިޔަ ބުދަ ދުވަހު ދިން ހަމަލާގައި އެ ނޫހުގައި މަސައްކަތްކުރާ 12 މީހުން މަރުވި އެވެ. މަރުވި މީހުންގެ ތެރޭގައި ކާޓޫނު ކުރަހާ މީހުންނާއި ނޫހުގެ އެޑިޓަރު ވެސް ހިމެނެ އެވެ. އޭގެ ފަހުން އިއްޔެ ޕެރިހުގައި ހިނގި ހާދިސާއެއްގައި އަންހެން ފުލުހަކާއި އެހެން މީހަކު މަރުވި އެވެ.
ޗާލީ ހެބްޑޫ ނޫހަށް ހަމަލާދިން މީހުން ވަށާލައިގެން ފްރާންސްގެ ފުލުހުން ތިއްބައި ޔަހޫދީންގެ ސްޕަމާކެޓަކަށް މީހަކު ވަދެ ބަޔަކު ރަހީނުކުރި ހާދިސާއެއް ވެސް ޕެރިހުގައި ހިނގި އެވެ.