09 Jan 2015, 21:47
ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 11،000 އަށް ވުރެ ގިނަ ރުފިޔާ އަދި މާސްޓާސް ފެންވަރުގެ ޓީޗަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 16،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭ ގޮތަށް ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވާލައިފި އެވެ.
ޓީޗަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އެކުލަވާލި އާ އޮނިގަނޑު އާއްމުކޮށްފައި ވަނީ ޓީޗަރުންނާއެކު އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
ސަރުކާރުން އެކުލަވާލި ޓީޗަރުންގެ އާ އޮނިގަނޑުގެ ދަށުން އެޑްވާސް ސެޓްފިކެޓް ހާސިލް ކޮށްފައިވާ ޓީޗަރުން ފެށިގެން މާސްޓާސް ފެންވަރުގެ ލީޑިން ޓީޗަރުނާއި މާސްޓާސް ފެންވަރުގެ ޓީޗަރުންނަށް ވެސް މުސާރަ ބޮޑުކޮށްފައިވާއިރު، ހުރިހާ ގިންތިއެއްގެ ޓީޗަރުން ވެސް އޭގެ ދަށުން ހިމެނެ އެވެ.

އެގޮތުން، ލީޑިން ޓީޗަރުންނާއި ވަކި ހާއްސަ މާއްދާތައް ކިޔަވައިދެއްވާ ޓީޗަރުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައި ދެއްވާ ޓީޗަރުންނާއި މަލްޓި ގްރޭޑްތަކަށް ކިޔަވައިދެއްވާ ޓީޗަރުންގެ ވެސް މުސާރަ ބޮޑުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އާ އޮނިގަނޑުގެ ދަށުން މާސްޓާސް ފެންވަރުގެ ލީޑިން ޓީޗަރެއްގެ މުސާރައަށް 31.44 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ގެނެސްފަ އެވެ. އެ ބަދަލާއެކު މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލީޑިން ޓީޗަރަކަށް މިހާރު ލިބޭ 13،218.50 ރުފިޔާ، މާސްޓާސް ފެންވަރުގެ ލީޑިން ޓީޗަރަކަށް 17،374 ރުފިޔާއަށް ބޮޑުވާނެ އެވެ.
މާސްޓާސް ފެންވަރުގެ ޓީޗަރަކަށް 34.01 ޕަސެންޓްގެ ކުރިއެރުމެއް ގެނެސްފައިވާއިރު، އެ ކުރިއެރުމާއެކު ހުރިހާ އެލެވެންސަކާއި އޯޓީއާ އެކު މިހާރު 12218.50 ރުފިޔާ ލިބޭ މާސްޓާސް ފެންވަރުގެ ޓީޗަރަކަށް ލިބޭނީ 16374 ރުފިޔާ އެވެ.

ޑިގްރީ ފެންވަރުގެ ލީޑިން ޓީޗަރެއްގެ މުސާރައަށް އިތުރުކޮށްފައި ވަނީ 32.53 ޕަސެންޓެވެ. އެ ބަދަލާއެކު މުސާރައާ އާއި އިނާޔަތުގެ ގޮތުގައި މިހާރު ލިބޭ 11238.50 ރުފިޔާ، އާ އޮނިގަނޑުގެ ދަށުން 14894 ރުފިޔާއަށް ބޮޑުވާނެ އެވެ.
ބެޗްލާސް ފެންވަރުގެ ޓީޗަރެއްގެ މުސާރައަށް ބަލާއިރު، 34.01 ޕަސެންޓްގެ ކުރިއެރުމެއް ގެނެސްފައިވާއިރު، ހުރިހާ އެލެވެންސަކާއި އޯޓީއާއެކު މިހާރު 10238.50 ރުފިޔާ ލިބޭ ޓީޗަރަކަށް އެ ބަދަލާއެކު 13894 ލިބޭނީ ރުފިޔާ އެވެ.
ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރައަށް އާ އޮނިގަނޑުގެ ދަށުން އިތުރުކޮށްފައި ވަނީ 30.75 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ބަދަލާއެކު 8671 ރުފިޔާ ލިބޭ ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކަށް މިހާރު 11337.5 ރުފިޔާ ލިބޭނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. މުހުސިން ވިދާޅުވީ، ދިރާސީ އާއަހަރާއެކު ޓީޗަރުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.
"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ތައުލީމާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ޓީޗަރުންގެ އުޖޫރަ އާއި އެ މީހުންނަށް ހެޔޮ ގޮތްތައް ހޯދައި ދިނުމަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާފައިވާ ކަމެއް ކަމަށެވެ. އަދި ޓީޗަރުންނަށް ލިބިގެން ދިޔަ ކާމިޔާބީގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރާއި ހިދުމަތް ވަރަށް ބޮޑު ތަން ރަނގަޅު ކުރެވިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
