ލަންކާގެ އިންތިހާބު ކާމިޔާބުކުރެއްވި މައިތުރިޕާލަ ސިރިސޭނަ ރައީސްކަމުގެ ހުވާ ކުރެއްވިތާ ގިނަ އިރުތަކެއް ނުވަނީސް ލަންކާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަޖިތު ނިވާދު ކަބްރާލް އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ލަންކާގެ އާ ރައީސް ސިރިސޭނައަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ކަބްރާލް ވިދާޅުވެފައި ވަނީ، އޭނާ އިސްތިއުފާ ދެއްވީ އާ ސަރުކާރުން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ލަންކާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ކަމަށް ކަބްރާލް އައްޔަން ކުރެއްވީ، އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެވެ.

ސެންޓްރަލް ގަވަރުނަރު ކަމަށް ކަބްރާލް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ 2006 ވަނަ އަހަރުގެ ޖުލައި އިން ފެށިގެން 2010 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ފަހުން ހަ އަހަރު ދުވަހުގެ ދައުރަކަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ކަބްރާލް އެމަގާމަށް އައްޔަން ކުރެއްވި އެވެ.