09 Jan 2015, 19:33
ސްރީ ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި މައިތިރިޕާލާ ސިރިސޭނާ އަށް މަރުހަބާ ދެންނެވުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މާދަމާ ލަންކާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަނާމް އިބްރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ ލަންކާގެ އާ ރައީސް ސިރިސޭނާއަށް މަރުހަބާ ދެންނެވުމަށް ރާއްޖޭގެ ފަރާތުން ވަޑައިގަންނަވާ ފޮރިން މިނިސްޓަރު ދުންޔާއާ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ސިރިސޭނާއާ ބައްދަލުކުރައްވާ ރާއްޖެ ވަޑައިގަތުމަށް ރައީސް ޔާމީން ދެއްވާފައިވާ ދައުވަތު ރަސްމީކޮށް ހަވާލުކުރައްވާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ލަންކާއަކީ އަޅުގަނޑުމެންނާ ވަރަށް ގާތްގުޅުމެއް ބާއްވަމުން އަންނަ ގައުމެއް. އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި އެއް ގައުމުވެސްމެ. އެހެންވީމަ މި ދަތުރުގައި ރައީސް ޔާމީން ލަންކާގެ އާ ރައީސް ސިރިސޭނާއަށް ރާއްޖެ ވަޑައިގަތުމަށް އަރުވާފައިވާ ދައުވަތު ރަސްމީކޮށް ހަވާލުކުރެއްވުން އޮންނާނެ،" މުއާޒު ވިދާޅުވި އެވެ.
މުއާޒު އިތުރަށް ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި ލަންކާގެ އާ ސަރުކާރުގެ ބޭފުޅުންނާ ވެސް ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ. އަދި ޒަމާނުއްސުރެއް ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
ލަންކާގެ އާ ރައީސް ސިރިސޭނާއަށް މަރުހަބާ ދެންނެވުމަށް ސަރުކާރުގެ ދެ ބޭފުޅުން މާދަމާ ލަންކާއަށް ވަޑައިގަތުމަށް ނިންމަވާފައިވާއިރު ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ތިން ރައީސުން ވެސް ވަނީ ސިރިސޭނާއަށް މަރުހަބާ ދަންނަވާފައި އެވެ.