09 Jan 2015, 18:45
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރަހަމުން އައި ފަރަންސޭސި ނޫހެއް ކަމަށްވާ ޗާލީ ހެބްޑޫގެ އޮފީހަށް ހަމަލާދީ 12 މީހުން މަރައިލި ހާދިސާ ހިނގުމުގެ ކުރިން އެ ހާދިސާގެ މައުލޫމާތު ދިވެއްސަކަށް އިނގޭ ކަމަށް އިނގިރޭސި ނޫހަކުން ތުހުމަތުކޮށްފި އެވެ.
އިނގިރޭސިވިލާތުގެ 'މިރާ އޮންލައިން'ގައި ބުނެފައި ވަނީ ހާދިސާ ހިނގަން އުޅޭކަން ދޭހަވާ ފަދަ މޭރުމަކުން، 20ގެ އަހަރުތައް ގުނަމުންދާ، ދިވެއްސަކު ޓްވީޓްކޮށްފައިވާ ކަމަށެވެ. އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިއެއްގެ ގޮތުގައި ހުރި އެމީހާގެ ޓްވީޓް މިރާގެ ސަމާލުކަމަށް އައީ، އެއީ އައިއެސް އިން ރޭވި ކަމެއް ކަމަށް އެކްސްޕާޓުންނަށް ބެލެވުނު ހިސާބުން ކަމަށް ވެސް ބުނެފައި ވެއެވެ.
ޕަލަޑިން އޮފް ޖިހާދުގެ ނަމުގައިވާ ޓްވިޓާ އެކައުންޓް ބޭނުންކޮށްގެން އޭނާ މިމަހުގެ ފަސް ވަނަ ދުވަހު ކުރި ޓްވީޓްގައި " ސްނެއިލް އީޓިން ޕީޕަލް (ފިނިހަކަ ކާ މީހުން) " މިހެން ލިއުމަށް ފަހު ވަނީ ރުއިން ދައްކައިދޭ 'ފޭސް' އެއް ބޭނުންކޮށްފައެވެ.
މިރާ ނޫހުން ބުނެފައި ވަނީ އޭނާގެ އެ ޓްވީޓަކީ ފްރާންސް މީހުންނަށް ހިތާމައެއް ލިބެން އުޅޭކަމަށް އިޝާރާތް ކުރާ ޓްވީޓެއް ކަމަށެވެ. އެގޮތުން ސްނެއިލް އީޓިން ޕީޕަލްއޭ އޭނާ ބުނެފައި އެވަނީ ފްރާންސްގެ ކެއުމަކަށް އެސްކާގޮޓް ފިނިހަކަ ކިޔާތީ ކަމަށްވެސް އެނޫހުން ތުހުމަތުކޮށްފައި ވެއެވެ.
ހާދިސާ ހިނގި ފަހުން އޭނާ ކުރި ޓްވީޓެއްގައި ލިޔެފައި ވަނީ "ކަލޭ އެވާހަކަ ފުރަތަމަ އަޑު އެހީ މިތާ. ފިނިހަކާމީހުން ފަންސުރު ތުނޑުކައިފި" މިހެންނެވެ.
ޗާލީ ހެބްޑޫއަށް ހަމަލާ ދިން ކަމުގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. އެކަން ކުރި މީހުން ހޯދަން ފަރަންސޭސި ފުލުހުން އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.