ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ތިން ރައީސުން ސްރީ ލަންކާގެ އާ ރައީސް ކަމަށް ހޮވިވަޑައިގެންނެވި މައިތިރިޕާލަ ސިރިސޭނާއަށް މަރުހަބާ ދަންނަވައިފި އެވެ.

ރާއްޖޭގެ ކުރީގެ ވެރިކަން ކުރެއްވި ތިން ބޭފުޅުންވެސް ލަންކާގެ ރައީސް ސިރިސޭނާއަށް މަރުހަބާ ދަންނަވާފައި ވަނީ އެބޭފުޅުން މިއަދު ކުރައްވާފައިވަ ޓުވީޓެއްގައި އެވެ.


ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ލަންކާގެ ރައީސް ކަމަށް އަލަށް އިންތިހާބުވެ ވަޑައިގެންނެވި މައިތިރިޕާލާ ސިރިސޭނާ އަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ވެރިކަމުގެ ހުރިހާ ބާރެއް ސިރިސޭނާއަށް ހަވާލުކުރެއްވީތީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖްޕަކްސައަށް ވެސް މަރުހަބާ ދަންނަވާ ކަމަށް ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ލަންކާގެ ރައީސް ކަމަށް އަލަށް އިންތިހާބުވެވަޑައިގެންފައިވާ މައިތިރިޕާލާ ސިރިސޭނާއަށް މަރުހަބާ ދަންނަވާ ކަމަށާއި އަދި ލަންކާގެ ރިޔާސީ އިންތިޚާބު ކުރިއަށް ގޮސްފައި ވަނީ ޑިމޮކްރަސީގެ އުސޫލުތަކާއި އެއްގޮތަކަށް ކަމަށެވެ. އަދި ބަލި ގަބޫލުކުރެއްވީތީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖްޕަކްސައަށް ވެސް ރައީސް ނަޝީދު ވަނީ މަރުހަބާ ދަންނަވާފައި އެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި ސިރިސޭނާއަށް މަރުހަބާ ދަންނަވާފައި އެވެ.
ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި ތިން ބޭފުޅުން ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި ސިރިސޭނާއަށް މަރުހަބާ ދަންނަވާފައިވާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ސިރިސޭނާއާ އެކު ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.

ލަންކާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމުން ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވެސް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން ސިރިސޭނާއާ ލަންކާ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ، ޖަމީލު ވަނީ ޓްވީޓެއް ކުރައްވާފައެވެ.