ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެގައުމުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވާ މައިތިރިޕާލަ ސިރިސޭނާއާއި އެކު ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސިރިސޭނާ ލަންކާގެ ރައީސްކަމަށް އިންތިހާބު ވެވަޑައިގެންނެވުމުން އޭނާއަށް މަރުހަބާ ވިދާޅުވުމަށް ފޮނުއްވި މެސެޖެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ އިންތިހާބުގެ ނަތީޖާ އަކީ ސިރިސޭނާގެ ސިޔާސަތުތަކަށް ސްރީލަންކާ ރައްޔިތުން ތާއީދުކުރާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ވެވަޑައިގަތް އެންމެ އަވަހަކަށް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޔާމީނު ވަނީ ދައުވަތު ދެއްވާފައެވެ.

"... ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތް ދެމިގެންވާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަނިކުފާނާއި އެކު ގާތުން މަސައްކަތް ކުރުމަށް ގަސްދު ކުރަމެވެ،"ރައީސްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

ސިރިސޭނާ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމުން ދިވެހި ރައްޔިތުންނާއި ރައީސް ޔާމީނުގެ އަމިއްލަފުޅު ނަންފުޅުގައި އޭނާއަށް އިޚުލާސްތެރި މަރުހަބާއެއް ދަންނަވާ ކަމަށް ވެސް ރައީސްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

ލަންކާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމުން ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން ސިރިސޭނާއާއި ލަންކާ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ، ޖަމީލު ވަނީ ޓްވީޓެއް ކުރައްވާފައެވެ.