09 Jan 2015, 15:26
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން އަނެއްކާވެސް ޕެޓްރޯލާއި ޑިސަލް، ލީޓަރަކުން 1.75 ރުފިޔާ ހެޔޮކޮށްފި އެވެ.
އަލަށްގެނައި ބަދަލާއެކު އެސްޓީއޯއިން ކުރިން 14.12 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ވިއްކިނަމަވެސް މިހާރު ވިއްކަނީ 12.37 ރުފިޔާ އަށެވެ. އަދި ކުރިން 14.08 އަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 12.33 ރުފިޔާއަށެވެ.
މިބަދާއެކު އެސްޓީއޯއިން މިވަނީ މިފަހަކަށް އައިސް ތިން ފަހަރަށް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައެވެ.
މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތަފާތު ސަބަބުތަކާ ހެދި ތެލުގެ އަގު އައީ ހެޔޮވަމުންނެވެ. އެންމެ ފަހުގެ އަގުތަކަށް ބަލާއިރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 50 ޑޮލަރަށް ވުރެ ދަށަށް ވެއްޓިފަ އެވެ. މިއީ ތެލުގެ އަގު 2009 ވަނަ އަހަރަށް ފަހު މި ވަރަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މި އަހަރު ފެށުނު އިރު ދުނިޔޭގެ ބާޒާރުގައި 100 ޑޮލަރަށް ވުރެ މަތީގައި ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 50 ޑޮލަރުގަ އެވެ.
އެސްޓީއޯގެ މޭނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ތެލުގެ އަގަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާ އެކު ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް ތެޔޮ އަގު ހެޔޮކޮށް ލިބޭ ވަރަކަށް ދިވެހި ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކުރި ނަމަވެސް ދުނިޔޭގެ ބާޒާރަށް އަންނަ ފަދަ ބޮޑު ހެޔޮ ބަދަލެއް ނާންނަނީ ކީއްވެގެންތޯ ސުވާލުކުރުމުން އާޒިމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަން ދަށަށް ދަނީ ސާފު ނުކުރާ ތެޔޮ ކަމަށާއި އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަނީ ސާފުކުރި ތެޔޮ ކަމަށެވެ.