09 Jan 2015, 15:13
ކޯޓުތަކުން ކުރާ ހުކުމްތައް އެ ކޯޓުތަކުން އަމިއްލައަށް ތަންފީޒުކުރާ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ މަދަނީ މައްސަލަތައް ބަލައި ނިޔާ ކަނޑައެޅުމުގެ އިހްތިސޯސް ލިބިގެންވާ ކޯޓުތަކުން ކުރާ މަދަނީ ހުކުމްތައް ތަންފީޒު ކުރުމަށްޓަކައި އެފަދަ ކޮންމެ ކޯޓެއްގައި ވެސް ހުކުމް ތަންފީޒުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ޚާއްސަ ޑިވިޝަނެއް ގާއިމްކުރަންޖެހޭނެ ކަމަށެވެ.
އެ ސާކިއުލާގައި ވަނީ ޖިނާއީ ކޯޓާއި ހައިކޯޓާއި ސުޕްރީމް ކޯޓުން ކުރާ ހުކުމްތައް ނުވަތަ ހުކުމްތަކުގެ ތެރޭގައި ހިމެނޭ މަދަނީ ބައިތައް ތަންފީޒުކުރާނީ ސިވިލް ކޯޓުގައި ގާއިމްކުރެވޭ ހުކުމް ތަންފީޒުކުރާ ޑިވިޝަނުން ކަމަށެވެ.
އެ ސާކިއުލާގައިވާގޮތުން އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ އުސޫލުން އަމަލުކުރަންޖެހޭނެ ކަމަށެވެ.