ހިބައާއި ވަސިއްޔަތާއި ތަރިކައިގެ މައްސަލަތަކާއި ވާރިސުން ގިންތިކުރުމުގެ މައްސަލަތަކާއި މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމުގެ މައްސަލަތައް ފެމެލީ ކޯޓުން ބަލާގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި އިއްޔެ ނެރުނު ސާކިއުލާއަކުން ވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތިން އެއްވެސް ތަފާތުކުރުމެއް ނެތި، ފަސޭހަކަމާއެކު ރައްޔިތުންނަށް އިންސާފާ ހަމައަށް ވާސިލުވުން ކަށަވަރުކޮށްދޭ ނިޒާމެއް ސިވިލްކޯޓުގައި ގާއިމްކޮށްފައެވެ.

ސިވިލް ކޯޓުގެ ހިންގުން ހަރުދަނާކުރުމަށް ކޯޓުތަކުގެ ގާނޫނުގެ 57 ވަނަ މާއްދާގައިވާ އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެމަތިން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓު ފަސް ބަޔަކަށް ބަހާލާފައެވެ.

އެގޮތުން ސިވިލް ކޯޓުގައި ގާއިމް ކުރި ޑިވިޝަންތަކަކީ ޑިސްޕިއުޓު ރިޒޮލިއުޝަނާ ބެހޭ ޑިވިޝަނަކާއި މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަނަކާއި އިދާރީ މައްސަލަތައް ބަލާ ޑިވިޝަނަކާއި މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޝަނަކާއި އަދި ހުކުމް ތަންފީޒުކުރުމާ ބެހޭ ޑިވިޝަނެކެވެ.

ސުޕްރީމް ކޯޓުގެ ސާކިއުލާގައި ވަނީ އަންނަ ފެބްރިއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ސާކިއުލާގައިވާ ގޮތަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.

ހިބައާއި ވަސިއްޔަތާއި ތަރިކައިގެ މައްސަލަތަކާއި ވާރިސުން ގިންތިކުރުމުގެ މައްސަލަތަކާއި މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމުގެ މައްސަލަތައް މިހާތަނަށް ބަލަމުންއައީ ސިވިލް ކޯޓުންނެވެ. އެހެންނަމަވެސް އެފަދަ މައްސަލަތައް ފެމެލީ ކޯޓުން ބަލަން ފަށާއިރު، މިހާރު ސިވިލް ކޯޓުގައި ބަލަންފަށާފައި ހުރި އެފަދަ މައްސަލަތަކަށް އަމަލުކުރާނެ ގޮތެއް ސުޕްރީމް ކޯޓުގެ ސާކިއުލާގައި ބަޔާންކޮށްފައެއް ނުވެއެވެ.