09 Jan 2015, 14:37
ސްރީލަންކާގައި އިއްްޔެ ބޭއްވި ރިޔާސީ އިންތިޙާބުގެ ރަސްމީ ނަތިޖާ އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނު ކުރި ނަތީޖާ ދައްކާ ގޮތުން އިދިކޮޅު ކެންޑިޑޭޓް މައިތިރި ޕާލާ ސިރިސޭނާ ވަނީ ވޯޓު ދިން މީހުންގެ 51.28 ޕަސެންޓް ނޫނީ 6،217،162 ވޯޓު ހޯއްދަވައިފަ އެވެ.
ރައީސް ރާޖަޕަކްސާ އަށް ލިބިވަޑައިގަތީ ވޯޓު ދިން މީހުންގެ 47.58 ޕަސެންޓް ނޫނީ 5،768،090 ވޯޓެވެ.

ނަވާރަ ބޭފުޅަކު ބައިވެރިވި އިންތިހާބުގައި ސިރިސޭނާ އާއި ރާޖަޕަކްސާ ފިޔަވައި ދެން ތިއްބެވި ބޭފުޅުންނަށް ލިބިވަޑައިގެންފައި ވަނީ ވޯޓު ދިން މީހުންގެ 1.14 ޕަސެންޓް ނޫނީ 138،201 ވޯޓެވެ.
ލަންކާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 15 މިލިއަން މީހުންގެ ތެރެއިން 80 ޕަސެންޓަށް ވުރެ ގިނަ ބަޔަކު ވޯޓުލާފައިވެ އެވެ.

ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި ސިރިސޭނާ މަގާމުގެ ހުވާކުރެއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ލަންކާ ގަޑިން ހަވީރު 6:30ގަ އެވެ.
ސިރިސޭނާ ސަރުކާރުގެ ބޮޑުވަޒީރެއްގެ ގޮތުގައި އައްޔަން ކުރެއްވުމަށް ނިންމަވާފައި ވަނީ އިދިކޮޅު ލީޑަރު ރަނިލްވިކްރަމަ ސިންހާ އެވެ. އޭނާ މަގާމުގެ ހުވާކުރެއްވުން އޮންނާނީ މާދަމަ އެވެ.