09 Jan 2015, 14:25
މޮންޓްރިޔާލް (ޖަނަވަރީ 9): ޖިހާދުގެ ނަމުގައި ހަރަކާތްތެރިވަމުންދާ މީހުންނަކީ ހައްދުފަހަނަޅާފައިވާ ޓެރަރިސްޓުން ކަމަށާއި އެމީހުންވަނީ އެމީހުންގެ ހަރުކަށި ޚިޔާލާ އިދިކޮޅު އެންމެންނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށްފައި ކަމަށް ކެނެޑާގެ ބޮޑުވަޒީރު ސްޓީވަން ހާޕާ ވިދާޅުވެއްޖެ އެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރަހާ ފަރަންސޭސި ނޫހެއްކަމަށްވާ ޗާލީ އިބްޑޫގެ އޮފީހަށް ދިން ހަމަލާތަކާބެހޭގޮތުން ހާޕާ ވިދާޅުވީ، ޕެރިހުގައި ދިން ހަމަލާތަކަކީ ހަރުކަށި ފަރާތްތަކުން އެމީހުންނާ އިދިކޮޅު ފަރާތްތަކަށް ހަނގުރާމަ އިއުލާންކުރުން ކަމަށާއި އެމީހުންނަށް ކުޑަވެސް ދުލެއްދީގެން ނުވާނެކަމުގައެވެ. އަދި ހަރުކަށި ހުރިހާ ޖަމާއަތްތަކެއްވެސް މައިތިރިކުރަންޖެހޭ ކަމަށް ހާޕާ ވިދާޅުވި އެވެ.
ކެނެޑާއަކީ އިރާގާ ދެކޮޅަށް 2004 ވަނަ އަހަރު އެމެރިކާ އިޢުލާންކުރި ޣައިރުގާނޫނީ ހަނގުރާމައިގާ ބައިވެރިވެ އިރާގުގެ އާންމުންނާ ދެކޮޅަށް އެމެރިކާ ހިންގި ލާއިންސާނީ އަމަލުތަކަށް އެއްބާރުލުމާއި އެހީތެރިކަން ދީފައިވާ ގައުމެކެވެ. މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތައް އުފެދުނީ އިރާގާ ދެކޮޅަށް އެމެރިކާ ފެށި އުދުވާނީ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ކަމަށް ތަހްލީލީ ރިޕޯޓްތައް ބުނާއިރު ކެނެޑާއަކީ މިފަދަ ހުރިހާ ހަރުކަށި އަމަލުތަކެއްގައި އެމެރިކާއަށް ވާގިވެރިވާ ގައުމެކެވެ. އަނެއްކޮޅުން ހާޕާގެ ވެރިކަމުގައި ކެނެޑާވަނީ އިސްރާއީލުގެ އިސްތިޢުމާރަށް ތާއީދުކޮށް ފަލަސްތީނުގެ ހައްގުތަކަށް އިންކާރުކޮށްފައެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ ފަރަންސޭސި ނޫހެއްކަމަށްވާ ޗާލީ އިބްޑޫއަށް މިދިޔަ ބުދަދުވަހު ދިން ޙަމަލާ ތަކަކީ ފަރަންސޭސިވިލާތުގައި އުފެދެމުންދާ ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރުމުގެ ރޫޙު ނައްތާލައި މުސްލިމުންނަށް ނަފްރަތު އުފެއްދުމުގެ ގޮތުން މުސްލިމުންގެ ބަޔަކު ލައްވައި ޒަޔަނިސްޓުން ކުރުވި ކަމެއް ކަމަށް ބުނާ ރިޕޯޓްތަކެއް ވަނީ ފެންމަތިވެފައެވެ. މިކަމުގެ ބޭނުމަކީ މުސްލިމުންނާއި ހުޅަނގާ އިތުރަށް ދުޝްމަންކޮށް މުސްލިމުން ޓެރަރިސްޓުންނަށް ހެދުންކަމަށާއި ނަމަވެސް މުސްލިމުންގެ ނަމުގައިތިބޭ މީހުން މިފަދަ ދަލުތަކުގައި ވަރަށް ފަސޭހައިން ޖެހެމުންދާ ކަމަށް މިރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)