ސާދަ އަހަރުގެ ކުޑަކުއްޖަކު ދުއްވަމުން ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ފިހާރައެއްގެ ބިއްލޫރި ގަނޑު ތަޅައިގެން ހިނގައްޖެ އެވެ.

މިއަދު މެންދުރު ފަހު 1:25 ކަންހާއިރު ހިނގި އެ ހާދިސާގައި ގެއްލުންވެފައި ވަނީ އިސްކަންދަރު މަގާއި ނިކަގަސް ހިނގުން ގުޅޭ ކަންމަތީގައި ހުންނަ "ސައިރަސް" ނަމަކަށް ކިޔާ އަންނައުނު ވިއްކާ ފިހާރައަކަށެވެ.

އެ ހާދިސާގައި ސައިކަލު ދުއްވި 14 އަހަރުގެ ކުޑަ ފިިރިހެން ކުއްޖާއަށް އެއްވެސް އަނިޔާއެއް ނުވެއެވެ. ނަަމަވެސް އެ ކުއްޖާ ދުއްވި ސައިކަލަށް ކުދިކުދި ގެއްލުންތައް ވެފައިވާ އިރު ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް ވަނީ ތަޅާ އެކު ހަލާކުވެފަ އެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްްދުގައި ހުރި މީހަކު "ސަން" އަށް ބުނީ، އެ ކުއްޖާ ސައިކަލުގައި އައީ އިސްކަންދަރުމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ކަމަށެވެ.

"އެކުއްޖާ އައީ ފުދޭވަރަކަށް ބާރަށް ދުއްވާފައި. އައިސް މިމަގު [ނިކަގަސް ހިނގުން] އައި ސައިލެއް ފެނިގެން އަދި އިތުރަށް ސްޕީޑް ބާރުކޮށްލެވުނީ. ދެން ކޮންޓްރޯލުން ނައްޓައިގެން ގޮސް ފިހާރަ ބިއްލޫރިގަނޑަށް އެރީ،" އެ ސަރަހައްދުގައި ހުރި އާންމުންގެ މީހަކު ބުންޏެވެ.

އެހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަަށް ވިދާޅުވީ، މިއަދު 13:25 ކަންހާއިރު އިސްކަންދަރު މަގުގައި، 14 އަހަރުގެ ކުޑަ ކުއްޖަކު ދުއްވަމުން ދިޔަ ސައިކަލެއް ފިހާރައެއްގައި ޖެހި ފިހާރައިގެ ދޮރުގެ ބިއްލޫރި ގަނޑު ތަޅައިގެން ގޮސްފައި ވާ ކަމަށާއި، އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު ފުލުހުން އެ ސަރަހައްދަށް ގޮސް ވަނީ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރުމުގެ މަސައްކަތް ފަށައިފައެވެ.