މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުުހުން ހިންގާ ހާއްސަ އޮޕަރޭޝަނުގެ ދަށުން މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް މާދަމާއިން ނަގަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެގާނޫނުން ބާރުލިބިގެން ހަދާފައިވާ އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދާއި ޚިލާފަށް، ރަޖިސްޓްރީ ނުކުރާ އުޅަނދުފަހަރާއި ބާވެ ހަލާކުވެފައިވާ އުޅަނދުތައް މަގުތަކާއި ޕާކިންގ ޒޯންތަކުގައި ހުރުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށްދަތިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ބާވެ ހަލާކުވެފައި ވާ ވެހިކަލްތަކާއި، ގަވާއިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތަށް ނެގުމުން، ގާވާއިދުން ޕާކުކުރަން ބޭނުންވާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބި، މަގުތަށް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށްވެސް ފަސޭހަ ވެގެން ދާނެ ކަމަށް ފުލުހުން ބުންޏެވެ.

މާދަމާއިން ފެށިގެން ނަގާ އުޅަނދުތައް ނަގައިގެން ގެންދިއުމުގައި ނުވަތަ ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށާއި އަދި ނެގޭ އުޅަނދުތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު، އަނބުރާ ގެންދިއުމުގެ އެންމެހާ ޚަރަދުތަކުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދުގެ ވެރިފަރާތުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.