ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ، އަހުލާގީ މިންގަޑުން ބޭރުވިކަމަށް ބުނެ އިންގްލޭންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާއާމެދު ފިޔަވަޅު އަޅަން ނިންމައިފި އެވެ.

އިނގިރޭސި އެފްއޭއިން މޮރީނިއޯ އާ މެދު ފިޔަވަޅު އަޅަން ނިންމީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު ސައުތޭމްޕްޓަނާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ރެފްރީންގެ ނިންމުންތަކަށް ބާރު ފޯރުވަން މިޑިއާ އާއި ކޮމެންޓޭޓަރުން އަދި އެހެން ޓީމުތަކުގެ ކޯޗުންވެސް ޗެލްސީއާ ދެކޮޅަށް 'ކެމްޕެއިނެއް' ކުރަމުން އަންނަ ކަމަށް ބުނުމުންނެވެ.

އެކަމާ ގުޅޭ ގޮތުން އިނގިރޭސި އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރެފްރީން ވަކި ފަރާތަކަށް ޖެހޭކަމަށް ތުހުމަތު ކުރާފަދަ ގޮަތަކަށް މޮރީނިއޯ ވާހަކަ ދައްކާފައި ވާކަމަށާއި، މޮރީނިއޯގެ ވާހަކަތަކަކީ ފުޓްބޯޅައިގެ އަގު ވެއްޓޭ ފަދަ ވާހަކަ ތަކެއް ކަމަށެވެ. އަދި މޮރީނިއޯ އާމެދު ފިޔަވަޅު އަޅަން ނިންމި ނިންމުމަށް ޖަވާބެއް ދޭން އެ އިދާރާއިން ވަނީ މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް މޮރީނިއާއަށް މުއްދަތެއް ދީފައެވެ.

ސައުތޭމްޕްޓަނާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެނެވެ. އެ މެޗުގެ 55 ވަނަ މިނެޓުގައި ސައުތޭމްޕްޓަންގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމްގެ ޓާގެޓް، ޗެލްސީގެ ފެބްރިގާސްއަށް ކުރި ފައުލަކާ ގުޅިގެން ފެބްރިގާސް ވެއްޓުމުން، އޭނާ ޑައިވް ކުރި ކަމަށް ބުނެ ރެފްރީ ވަނީ ފެބްރިގާސްއަށް ރީނދޫ ކާޑެއް ދައްކާފައެވެ.

އެ މެޗަށް ފަހު މޮރީނިއޯ ވަނީ ރެފްރީގެ އެ ނިންމުމަށް ފާޑުކިޔައި، އެ ފައުލަކީ ޗެލްސީއަށް ޕެނަލްޓީއެއް ލިބެންޖެހޭނެ ވަރުގެ ފައުލެއް ކަމަށް ބުނެފައެވެ.

"މީޑިއާވެސް، ކޮމެންޓޭޓަރުންވެސް، އަދި އެހެން ޓީމްތަކުގެ ކޯޗުންވެސް އެކަން ކުރޭ (ޗެލްސީ ކުޅޭ މެޗުތަކުގައި ރެފްރީންނަށް ޕްރެޝަރު ކުރޭ). މިއީ ޗެލްސީއާ ދެކޮޅަށް ހިންގާ ކެމްޕޭނެއް. ޗެލްސީއާ ދެކޮޅަށް އެ ކެމްޕޭން ހިންގަނީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގޭ. އަދި އަހަރެން އެެއެއް ބަލާކަށްވެސް ބޭނުމެއް ނޫން. އެ މެޗުގައި ފެބްރިގާސްއަށް ކުރި ފައުލަކީ ޕެނަލްޓީއެއްކަން އެންމެނަށްވެސް އިނގޭނެ،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައި ވެއެވެ.

ސައުތޭމްޕްޓަން މެޗުގެ އިތުރުން، މިދިޔަ މަހުގެ 22 ވަނަ ދުވަހު ސްޓޯކް ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ކުރިން މޮރީނިއޯ ރެފްރީންނާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން، އެކަމާ ގުޅޭގޮތުން އިނގިރޭސި އެފްއޭއިން ވަނީ އޭނާއަށް ރަސްމީ އިންޒާރެއް ދީފައެވެ. އެ މެޗުގެ ކުރިން މޮރީނިއޯ ވަނީ މެޗުގައި ރެފްރީކަން ކުރަން ހަމަޖެއްސި ނީލް ސްވާބްރިކްއަށް "ވަރުގަދަ ޕާފޯމެންސެއް" ދެއްކުމަށް ގޮވާލާފައެވެ.

އިނގިރޭސި އެފްއޭގެ ގަވައިދު ބުނާގޮތުން އެއްވެސް މެޗެއްގެ ކުރިން އެ މެޗެއްގައި ރެފްރީކަން ކުރަން ހަމަޖައްސާ އޮފިޝަލާ ބެހޭގޮތުން އެއްވެސް ކަހަލަ ކޮމެންޓެއް ކުރުމަކީ މަނާ ކަމެކެވެ.