09 Jan 2015, 11:55
އެފްރިކާގެ ފުޓްބޯޅަ ކޮންފެޑަރޭޝަން (ސީއޭއެފް) އިން ކޮންމެ އަހަރަކުވެސް ހޮވާ އެފްރިކާ ބައްރުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް މެންޗެސްޓާ ސިޓީގެ ހުނަރުވެރި މިޑްފީލްޑަރު ޔާޔާ ޓޫރޭ ހޯދައިފި އެވެ.
ޓޫރޭ އެ މަގާމަށް ހޮވިފައި ވަނީ މިދިޔަ ސީޒަންގެ ލީގް ކަޕާއި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގައި ސިޓީގައި އޭނާ ދެއްކި މޮޅު ކުޅުމުންނެވެ. އެ މަގާމަށް ޓޫރޭއާ ވާދަކޮށްފައިވާ އަނެއް ދެ ކުޅުންތެރިންނަކީ ގެބޮންގެ ސްޓްރައިކަރު ޕިއޭރް-އެމެރިކް އާއި ނައިޖީރިއާގެ ގޯލްކީޕަރު ވިންސެންޓް އެންޔީމާ އެވެ.
މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގައި ޓޫރޭ ވަނީ ސިޓީއަށް 20 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ލީގު ކަޕްގެ ފައިނަލްގައި ސަންޑަލޭންޑާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ ލީޑު ސަންޑަލޭންޑުން ނަގާފައި ވަނިކޮށް، އެ މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑުވެސް ސިޓީއަށް ކާމިޔާބު ކޮށްދިނީ ޓޫރޭ އެވެ.
ކްލަބް މުބާރާތްތަކުގެ އިތުރުން ޓޫރޭ ވަނީ މިއަހަރު ބާއްވަން ހަމަޖެހިފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް ކޮލިފައި ވުމަށް އޭނާގެ ގައުމީ ޓީމް އައިވަރީ ކޯސްޓަށް އެހީތެރި ވެދީފައެވެ. އަދި މިހާރު ކުރިއަށްދާ ޕްރިމިއާ ލީގުގެ މިހާތަނަށް ކުޅުނު މެޗުތަކުގައި ޓޫރޭ ސިޓީއަށް ނުވަ ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު، އޭގެ ތެރެއިން ހަ ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ ސީޓީ އެންމެ ފަހުން ކުޅުނު ނުވަ މެޗުގައެވެ.
މިދިޔަ އޮކްޓޯބަރު މަހު ފީފާ ބެލެންޑޯ އެވޯޑަށްވެސް ޝޯޓްލިސްޓު ކުރެވުނު ޓޫރޭ ވަނީ ސިޓީގެ އިތުރުން މީގެ ކުރިން ބާސެލޯނާ އާއި މޮނާކޯ އަދި އޮލިމްޕިއާކޮސް އަށްވެސް ކުޅެދީފައެވެ. 2010 ވަނަ އަހަރު ސިޓީއާ ގުޅުނު ޓޫރޭ މިހާތަނަށް އެ ޓީމަށް 153 މެޗު ކުޅެދީފައި ވާއިރު، އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި ސިޓީއަށް 45 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ޓޫރޭ ފިޔަވައި އެފްރިކާގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރަށް މީގެ ކުރިން ހޯދި ހަމައެކަނި ކުޅުންތެރިއަކީ އެވަޓަންގެ ސްޓްރައިކަރު ސެމިއުލް އެޓޫ އެވެ. ނަމަވެސް އެޓޫއަށްވެސް ޖެހިޖެހިގެން ހަތަރު އަހަރު އެ މަގާމު ހޯދިފައެއް ނުވެއެވެ.