09 Jan 2015, 11:49
ސްމާޓް ފެބްރިކްތަކާއި ސެންސަރުތައް ބޭނުންކޮށްގެން ނިދާ މީހާގެ އާދަތައް ދެނެގަންނަ "ސްމާޓް ގޮދަޑި"އެއް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ރެސްޕޮންސިވް ސާފޭސް ޓެކްނޮލޮޖީ (ރެސްޓް) އިން ދައްކާލައިފި އެވެ.
ނެވާޑާ، ލަސްވޭގަސްގައި ކުރިއަށްދާ ކޮންޒިއުމާ އިލެކްޓްރޯނިކްސް އެންޑް ޓެކްނޮލޮޖީ ޓްރޭޑްޝޯ (ސީއީއެސް)ގައި ރެސްޓް އިން ދައްކާފައިވާ އެ ގޮދަޑިއަކީ މީހާ ނިދުމުގެ އާދަތަކާއި ނިދާއިރު މީހާއަށް ފަސޭހަވާ ގޮތްތައް "ޓްރެކް" ކުރާ ގޮދަޑިއެކެވެ.
އެ ސްމާޓް ގޮދަޑީގައި 18 އެއާ ސެންސަރު ހަރު ކުރެވިފައިވާއިރު އެ ސެންސަރުތައް މަސައްކަތް ކުރާނީ އޭގައި އޮންނަ މީހާ ބޭނުންވާ ގޮތައް ގޮދަޑި ފުއްޕުމަށާއި ހިންދުމަށެވެ.
ސީއީއެސް އަށް ގޮސް އެ ގޮދަޑީގައި އޮށޯތް ގިނަ ފަރާތްތަކުން ބުނެފައި ވަނީ އެ ގޮދަޑީގައި އޮންނަ އިރު ހީވަނީ ފެންގަނޑެއްގެ ތެރޭ އޮންނަ ހެން ކަމަށެވެ. ފެނުގައި އޮންނަ އިރުވާ އުނދަގޫ، އެ ގޮދަޑީގައި އޮންނައިރު އިހްސާސް ނުކުރެވޭ ކަމަށް ގިނަ މީހުން ބުނެފައިވެ އެވެ.
ނަމަވެސް އަރާމުކޮށް އެ ގޮދަޑީގައި ނިދާލުމަކީ އަގުހެޔޮ ކަމަކަށްނުވެ އެވެ. މާޗުމަހު ބާޒާރުތަކަށް ނެރުމަށް ހަމަޖެހިފައިވާ އެ ގޮދަޑީގެ ކުއީން ސައިޒް ގޮދަޑިއެއް ލިބެން ހުންނާނީ 7،000 ޑޮލަރަށެވެ. އޭގެ އާދައިގެ ގޮދަޑިއެއް ގަންނަން ލިބޭނީ 5،000 ޑޮލަރަށެވެ. މީގެ އިތުރުން ވެސް އޭގެ ކިންގް ސައިޒް ގޮދަޑިއެއްގެ މަސައްކަތް ކުރަންމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.