އިނގިރޭސި ބަސް މުއްސަނދި ކުރުމަށްޓަކައި 16 އަހަރާއި 18 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ސްކޮލާޝިޕާއެކު "އިންގްލިޝް އެންރިޗްމެންޓް" ކޯހެއް ބާއްވަން ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުން ހަމަޖައްސައިފި އެވެ.

އެކަޑެމިކް އަދި ޕްރޮފެޝަނަލް އިނގިރޭސި ބަސް ރަނގަޅު ކުރުމަށްޓަކައި ފަށާ އެ ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެ ކޯހުގައި ބައިވެރި ވުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެމެރިކަން ސެންޓަރުން ބުނެފައިވެ އެވެ.

ޖެނުއަރީ 25 އިން މޭ މަހު 14ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ކޯސް ބާއްވާނީ ކޮންމެ ހަފްތާއަކު ދެ ދުވަހު އެވެ. ރޭގަނޑު ކްލާސްތައް ބޭއްވުމަށް ހަމަ ޖެހިފައިވާއިރު އެ ކޯހުގައި ބައިވެރިވާ ކުއްޖަކީ އިނގިރޭސި އޯލެވެލް އިން "ބީ" ގްރޭޑް އަށްވުރެ ދަށް ލިބިފައިވާ ކުއްޖަކަށް ވާން ޖެހޭނެ އެވެ.

އެ ކޯހުގެ ސެޓްފިކެޓް ލިބޭނީ ކޯސް ފުރިހަމަ ކުރުމުން ކަމަށް އެމެރިކަން ސެންޓަރުން ބުނެފައިވެ އެވެ.

އިންޓަވިއު ކޮށްގެން ކޯހުގައި ބައިވެރި ވެވޭއިރު އިންޓަވިއު ކުރިއަށް ދާނީ މި މަހުގެ 18 އިން 23 ގެ ނިޔަލަށެވެ. ކޯހުގައި ބައިވެރި ވުމަށް އެދޭ ފޯމު ލުމުގެ ސުންގަޑިއަކީ އަންނަ ހަފްތާ ބުރާސްފަތި ދުވަހެވެ. ފޯމު ލިބޭނީ ގައުމީ ކުތުބުހާނާގައި ހުންނަ އެމެރިކަން ސެންޓަރުންނެވެ.