09 Jan 2015, 10:31
ކަޒަކިސްތާނުގެ ކަލާޗީ ނަމަކަށް ކިޔާ އަވަށެއްގައި ރޯމާ ދުވާލުގަޑީގައި ކުއްލިއަކަށްހުރެ މީހުންނަށް ނިދޭ ބަލިމަޑުކަމެއް އުޅޭތީ، އެ އަވަށް ދޫކޮށް ގިނަ ބަޔަކު އެހެން ހިސާބުތަކަށް ހިޖުރަކުރަން ފަށައިފި އެވެ.
ބީބީސީގައި ބުނެފައި ވަނީ، އެ ބަލިމަޑުކަމުގެ ސަބަބުން ކުއްލިއަކަށްހުރެ މީހުންނަށް ނިދޭ ކަމަށާއި ނިދިފައި އެތައް ދުވަހެއް ވަންދެން އޮންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް މީހުންގެ ހަނދާންތައް ފޮހެވިގެންދާ ކަމަށް ބައެއް މީހުން ބުނަމުންދާއިރު އެކަން ދިމާވާ ސަބަބެއް އަދި ހޯދިފައެއްނުވެ އެވެ.
އެ ބަލިމަޑުކަމުގެ އަސަރު ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ވެސް ކޮށްފައިވާއިރު، އެކަމުގެ އަސަރު ކަލާޗީ އަވަށުގެ 100 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވެ އެވެ. އަދި އެއް ފަހަރަށްވުރެއް ގިނަ ފަހަރު ވެސް އެ ބަލިޖެހޭ ކަމަށް އެ އަވަށުގެ މީހުން ބުނެ އެވެ.
"އެކަމުގެ ސަބަބުން ނިދިފަ އޮންނަ މީހަކަށް ގޮވަން މަސައްކަތް ކޮށްފިނަމަ، ހީވާނެ އޭނާ ލޯ ހުޅުވަން ބޭނުންވާހެން. އެކަމަކު ނުހުޅުވޭނެ. އޭނަ ހަމަ ނިދާނީ ނިދާނީ،" މިދިޔަ ޑިސެމްބަރު މަހު ރަޝިއާ ޓުޑޭ ކިޔާ ނޫހަކަށްދިން އިންޓަވިއުއެއްގައި އެ އަވަށުގެ ރައްޔިތެއް ކަމަށްވާ އިގޯރު ސަމުސެންކޯ ބުނެފައިވެ އެވެ.
ރަޝިއާގެ އަމިއްލަ ނޫހެއް ކަމަށްވާ އިންޓަރފެކްސް ނިއުސް އެޖެންސީއާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ ބަލިމަޑުކަމުގެ ސަބަބުން ބައެއް އަވަށްޓެރި ސަހަރުތަކުން ކަލާޗީ އަވަށުގެ ރައްޔިތުންނަށް ގެއާއި ވަޒީފާ ދެމުންދާ ކަމަށެވެ. އަދި އެކަމުގައި ކަލާޗީގައި ދަރިންތިބި އާއިލާތަކަށް އިސްކަން ދޭ ކަމަށް އެ ނޫހަށް އެސިލް ސަރަހައްދުގެ ޑެޕިއުޓީ ހެޑް ސަން އެޖިމްބަޔޭވާ ވިދާޅުވެފައިވެ އެވެ.
އެ ބަލިމަޑުކަން ފެތުރެން ދިމާވި ސަބަބެއް ޑޮކްޓަރުންނަށް ވެސް ހޯދިފައިނުވާއިރު، އެއަވަށުގެ ފެނުންނާއި ވެލިންވެސް އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ނުދައްކަ އެވެ. ނަމަވެސް ބައެއް ޑޮކްޓަރުން، ގިނަ ބަޔަކު މޮޔަވީ ކަމަށް ބުނާއިރު، އަނެއް ބައި މީހުން ބުނަނީ އެކަންތައް ދިމާވާން މެދުވެރިފައި ވަނީ މީގެ ދެ ގަރުނު ކުރިން އެ ސަރަހައްދުގައި ހިންގި އަދި މިހާރު ބަންދުކޮށްފައިވާ ޔުރޭނިއަމް މައިނެއްގެ ސަބަބުން ކަމަށެވެ.