ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވިއަންއާ ގުޅިގެން މިދިޔަ މަހު ފެށި "ފްލައި އެންޑް ވިން ވިތު އެމެރިކަން އެކްސްޕްރެސް" ޕްރޮމޯޝަންގެ ދެ ވަނަ މަހުގެ ނަސީބުވެރިން ހޮވައިފި އެވެ.

ފްލައި އެންޑް ވިން ޕްރޮމޯޝަނަކީ ބީއެމްއެލްގެ ޕީއޯއެސް މެދުވެރިކޮށް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން މޯލްޑިވިއަންގެ ޓިކެޓު ގަތުމުން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އަދި ޓިކެޓް ބައްލަވައިގެންފައިވާ ފަރާތްތަކުގެ މެދުގައި ކޮންމެ މަހަކު ނެގޭ ގުރުއަތުން ހަތަރު ފަރާތަކަށް މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން އެ ފަރާތްތަކުން އެދޭ މަންޒިލަކަށް ހިލޭ ޓިކެޓެއް ލިބޭނެ އެވެ.

ބީއެމްއެލް މެއިން ބްރާންޗުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިދެއްވީ ޓާކިޝް އެއާލައިންސްގެ ޖެނެރަލް ސޭލްސް އެޖެންޓްކަމަށްވާ އެކްސްޕަޑީޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު އަލީ ތޯރިގު އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގެ ދެވަނަ މަހުގެ ނަސީބުވެރިންނަށް ހޮވިފައި ވަނީ ސ. ފޭދޫ ފިނިފެންމާގެ، އައިޝަތު ނާއިމާ އާއި، ސ. ހިތަދޫ ފްރީޑަމް، މުހައްމަދު ދީދީ އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން އާއި ލ. ގަން ލައިޓް ރޫމް، ފާތިމަތު ޝަކީބާ އެވެ.

ޕްރޮމޯޝަންގެ އެއް ވަނަ މަހުގެ ނަސީބުވެރިން ހޮވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ. މިއަދު ދެވަނަ މަހުގެ ނަސީބުވެރިން ހޮވާފައިވާ އިރު އަންނަ ފެބްރުއަރީ މަހުގައި ތިންވަނަ މަހުގެ ނަސީބުވެރިން ހޮވާނެ އެވެ.