09 Jan 2015, 10:14
ހިނގާފައިދަނިކޮށް ހީވީ "ހޮނު ގުގުރިއެއް" އެޅިހެންނެވެ. ބިރުން ހަލާކު ނުވީ ކިރިޔާ އެވެ. މިއީ ދަންވަރެވެ. އެއޮއްގެން މެންދަން ވަނީ އެވެ. ސިއްސައިގެންގޮސް މަތިބަލާލިއިރު މިއޮށް ކުލަކުލައިން ދިއްލަނީ އެވެ. އެކަމަށް ޝައުގުވެރިކަން ގެއްލިފައިވަނިކޮށް ކުއްލިއަކަށް ކަންފަތުގައި ޖެހުނީ އެތައް ރުއިމުގެ އަޑެވެ. ތުއްތު ކުދިންގެ އަޑެވެ. ކުއްލިއަކަށް ފުލެޓު ތެރެއިން ފިރިހެނަކު މަގުމައްޗަށް ނުކުތްތައް ފެނުނެވެ.
"މިއީ ކިހާ ދެރަކަމެއް މީހެއްގެ ޅަދަރިޔަކަށް ނިދޭވަރެއް ނޫން. ޝޯ ދިނަސް އަހަރެމެން ޝޯއަށް ނުދާ މީހުންނަށް ނިދޭވަރު ވާންޖެހޭނެ ދޯ؟ މިއީ ވަކި ބައެއްގެ ގައުމެއްތަ،" ފުލެޓު ތެރެއިން މަގުމައްޗަށް ނުކުތް މީހާ އަޑުހަރުކޮށް ގޮވަމުން ދިޔައެވެ.
އާނއެކެވެ. ހަވާ އެރުވުން މި ވަނީ އާންމުކަމަކަށްވެފަ އެވެ. މި އަހަރު މިއީ މިގޮތަށް ހަވާ އެރުވި ދެ ވަނަ ފަހަރެވެ. މިއިން ކޮންމެ ފަހަރަކު ވެސް ފާހަގަވެފައި ވަނީ މިކަމުގެ ސަބަބަބުން އެތައް ގޭބިސީއެއްގައި ދިރިއުޅޭ އެތައް ހާސް ފަރާތަކަށް މިކަމުގެ އުނދަގޫ ބޮޑުވެ ޝަކުވާތައް އޮއްސަމުންދާ ކަމެވެ. އެއްބަޔަކު ކިތަންމެ މަޖަލަކަށް ކުރިކަމަކަށް މިކަން ވިޔަސް އަނެއް ބަޔަކަށް ވަނީ މިކަން ބޮޑު ބިރަކަށްވެފައެވެ.
މައުލޫމާތުދިން އެތައް ބަޔަކު ބުނިގޮތުގައި ފަހަކަށް އައިސް ހަވާ އަރުވާ ކޮންމެ ރެއަކު އެތައް ތުއްތު ކުދިންނެއް ނިދިން މަހުރޫމްވެ އެވެ. އަދި އަޑުހަރު ބަޑިބޭހުގެ އަޑުގެ ސަބަބުން އެތައް ކުދިންނެއް ބިރުން އުޅޭ ކަމަށް ބުނެ އެވެ. މިއީ ހަމައެކަނި ތުއްތު ކުދިންނަށް އެކަނި ދިމާވާ މައްސަލައެއް ވެސް ނޫނެވެ. ދުވަސްވީ މީހުންނާއި ބަލި އެނދުގައި އޮތް އެތައް ބަޔަކަށް ވެސް މިކަމުގެ ސަބަބުން އެތައް އުނދަގުލަކާއި ކުރިމަތިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
"ކައިރި ގެ ތަކުގެ އަހުލުވެރިންގެ ހަގުތައް ނިގުޅައި ގަތީ. އެތައް ބަޔަކު ނުނިދިގެން ހަދާނެ ގޮތް ބޮޑުވެގެން އުޅޭއިރު ވެސް އެކަމަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ނުކުޅެދުނީ،" ދީނީ އިލްމުވެރިންއެއްކަމަށްވާ ޑރ. މުހައްމަދު އިޔާޒު އަބުދުލް ލަތީފް ވިދާޅުވިއެވެ.
ހަވާއެރުވުމާއި އުފާކުރުމަކީ މައްސަލައަކަށް ނުވެދާނެ އެވެ. ނަމަވެސް މާލެ ފަދަ ކުޑަ ރަށެއްގެ މެދުގައި އެހާ ދަންގަޑިތަކުގައި މިފަދަ އަޑުގަދަ ކަންކަން ކުރުމަކީ އެތައް ބަޔަކަށް އޭގެ ނޭދެވޭ ބިރުވެރިކަން ފޯރާކަމެއްކަން އެ މީހުންގެ ޝަކުވާތަކުން އެނގެ އެވެ. މިފަދަ މައްސަލަތައް ކުރިމަތިވާތީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ބެހޭ ގާނޫނުގައި ވެސް ވަނީ އަވަށްޓެރިންނަށް ދަތިވާނެ ގޮތަކަށް އަޑުގަދަ ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފަ އެވެ. ނަމަވެސް އިސްތިސްނާ ހާލަތެއްވެ އެވެ. ވަކި ހާއްސަ ހުއްދައެއްގެ ދަށުން އަޑުގަދަކޮށް ވެސް ހަފްލާތައް ބޭއްވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެއެވެ.
ބަޑިބޭހާއި ފަޓާހަކީ ދިވެހި ރާއްޖެއަށް ގެނައުން މަނާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ހާއްސަ ހުއްދައެއް ލިބިގެން އެ ފަރާތުން ކަނޑައަޅާ ގަވާއިދަކާއި އުސޫލެއްގެ ދަށުން ރާއްޖެ ގެނެވޭނެ އެއްޗެކެވެ. ނަމަވެސް ހުއްދަ އޮތް ފަރާތްތަަކުން އެތަކެތި ރާއްޖެ ގެނައި ނަމަވެސް އެތަކެތި ބަހައްޓަން ޖެހޭނީ އަދި އެތަކެތި ބޭނުން ކުރުމުގައި ހުއްދަ ވެސް އެ އުސޫލްގެ ދަށުން ލިބިދީފައި ވަނީ ސިފައިންނަށެވެ.
އާނއެކެވެ. އެތައް ހާސް ބަޔަކު މިވަނީ ރޭ ދަންވަރު އެރުވި ހަވާއަށް ބަލައި "އެންޖޯއީ" ކޮށްފައެވެ. އެމީހުން އުފާފާޅުކުރަމުންދިޔަ އިރު ބިރުން ފިއްކަނޑައިގެން ގޮސްފައިވާ ބަޔަކު ތިބިކަން ވެސް އެއީ ހަގީގަތެވެ. އެތައް ބަޔަކު ވަނީ ދަންވަރު ހަވާއެރުވުމުން ގަތް ބިރުގެ ބޮޑު ކަމުން އެތައް ޝަކުވާއެއްކޮށްފަ އެވެ. ދެން ފަހަރަކުން ވެސް މިފަދަ އުފާތައް ހޯދާއިރު އެހެން ފަރާތްތަކަށް އުނދަގޫނުވާނެ ފަދަ ގޮތްތަކަށް އަމަލުތައް ބަހައްޓަންޖެހެ އެވެ. އެކެއްގެ މިނިވަންކަން ބޭނުން ކުރާ ހިސާބުން އަނެކެއްގެ މިނިވަންކަން ގެއްލިގެން ނުވާނެ އެވެ.